07 ސެޕްޓެމްބަރ 2021 - 07:04

އޮޕަރޭޝަނެއްގެ ތެރޭގައި ހޮސްޕިޓަލްގެ އިހުމާލަކުން ދިމާވި ސިއްހީ މައްސަލަތަކަކާ ހެދި 39 އަހަރު ވަންދެން ކޯމާގައި އޮތް ފްރާންސްގެ ފުޓްބޯޅަ ތަރިއަކު ހޯމަ ދުވަހު މަރުވެއްޖެ އެވެ.
ކަކުލުގެ އޮޕަރޭޝަނަކަށް ފަހު މާޗް 17، 1982 އިން ފެށިގެން ހޭނޭރާއި ކޯމާގައި އޮވެ މަރުވީ ޖޯން-ޕިއާ އެޑަމްސް އެވެ. އޭނާ މަރުވި އިރު އުމުރަކީ 73 އަހަރެވެ.
ޖޯންގެ މަރާ އެކު، އޭނާ ކުޅުނު ކުޅުނު ކްލަބްތައް ކަމަށްވާ އޯޖީސީ ނީސް އާއި ޕީއެސްޖީން ހަނދާންތައް އާކޮށްފައިވެ އެވެ.
ނީސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޖޯންގެ ހަނދާންތައް އާކުރުމުގެ ގޮތުން، މި މަހުގެ 19 ގައި ފްރާންސްގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗްގައި އޭނާ އަށް ހާއްސަ ޓްރިބިއުޓެއް ދޭން ވެސް ވަނީ ނިިންމައިފަ އެވެ.
ސެނެގާލަށް އުފަން ޖޯން، ނީސް އަށް 140 އަށް ވުރެ ގިނަ މެޗް ކުޅެފައިވެ އެވެ. އޭނާ ކުޅުނު ކްލަބްތަކުގެ ތެރޭގައި ޕީއެސްޖީ ވެސް ހިމެނެ އެވެ.
ޖޯންގެ ކެރިއަރު 1967 ގައި ފެށުމަށް ފަހު، 1981 އާ ހަމައަށް 285 މެޗަށް ވުރެ ގިނައިން ކުޅެ، 26 އަށް ވުރެ ގޯލް ކާމިޔާބުކޮށްފައިވެ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް ޖޯން ކުޅުނީ 1972-1976 އަށެވެ. އެ މުއްދަތުގެ ތެރޭގައި ގައުމީ ޓީމަށް 22 މެޗް ކުޅުނެވެ.
ޖޯން މަރުވި އިރު އަންބަކާއި ދެ ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.