06 ސެޕްޓެމްބަރ 2021 - 18:10

އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން، މިހާތަނަށް ތާލިބާނުންގެ ބާރުގެ ދަށަށް ނުގެނެވި އޮތް ޕަންޖްޝޭރް ވާދީގައި ތިބި ހަނގުރާމަވެރިން ބަލިކޮށް އެ ޕްރޮވިންސް ހިފިއްޖެ ކަމަށް ބުނެ، އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ ނިމިއްޖެކަން ތާލިބާނުން މިއަދު އިއުލާންކޮށްފި އެވެ.

ހުސްވި އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމުން ވެސް، ތާލިބާނުންނަށް ބޯލަނބަން ދެކޮޅު ހެދި ޕަންޖްޝޭރް ވާދީ ހިސާރުކޮށްގެން ތާލިބާނުންގެ ހަނގުރާމަވެރިން ތިބޭތާ ގާތްގަނޑަކަށް ދެ ހަފުތާ ވީ އެވެ. ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން އަމާން ނުދިނުމުން، ތާލިބާނުން އެ ސަރަހައްދަށް ހަމަލާތައް ދޭން ފެށީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ތާލިބާނުން އިއްޔެ ވަނީ ޕަންޖްޝޭރް ވާދީގެ ބޮޑު ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި މުޅި ޕަންޖްޝޭރް ވާދީ ތާލިބާނުންގެ ބާރުގެ ދަށަށް ގެނެވުނީ މިއަދު އެވެ.

ޕަންޖްޝޭރް ވާދީ ހިފުމަށް ކުރި ހަނގުރާމައިގައި ލިބުނު ގެއްލުންތައް އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ނަމަވެސް އަނެއް ފަރާތުގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް އަނެއް ބަޔަކު ބުނެ އެވެ.
"މިއަދުގެ މި ކާމިޔާބާއެކު، ދާހިލީ ހަނގުރާމައިގެ ބިރުވެރި ވަޅުގަނޑުން އަހަރެމެންގެ ގައުމު މިވަނީ ސަލާމަތް ކުރެވިފައި،" ޕަންޖްޝޭރް ވާދީ ފަތަހަކުރެވިއްޖެކަން އިއުލާން ކުރަމުން، ތާލިބާނުންގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިއަދު ބުންޏެވެ.
މާ ދިގު މުއްދަތެއް ނުނަގައި ޕަންޖްޝޭރް ވާދީ، ތާލިބާނުންގެ ބާރުގެ ދަށަށް މިއައީ، ކުރީ ސަރުކާރުގެ ނައިބު ރައީސް އަމްރުﷲ ސޯލިހް އާއި ކުރީ ސަރުކާރުގެ ސިފައިންގެ ގިނަ ބަޔަކު ވެސް، ޕަންޖްޝޭރް ވާދީ އަށް ގޮސް، އެ ސަރަހައްދުގެ ހަނގުރާމަވެރިންނާ ގުޅިގެން، ހަނގުރާމަ އިއުލާންކޮށްފައި ވަނިކޮށެވެ. ޕަންޖްޝޭރް ވާދީގެ އިސް ލީޑަރު އަހްމަދު މަސްއޫދު ބުނެފައިވަނީ، އެ ވާދީގެ ހަނގުރާމަވެރިންގެ ޝަރުތުތައް ތާލިބާނުން ގަބޫލު ނުކުރާ ނަމަ، އަމާން ދިނުމެއް ނެތި، އެންމެ ފަހު މީހާއާ ޖެހެންދެން ހަނގުރާމަ ކުރާނެ ކަމަށެވެ.
ޕަންޖްޝޭރް ވާދީ ފަތަހަ ކުރެވިއްޖެ ކަމަށް ތާލިބާނުން އިއުލާން ކުރި އިރު، ޕަންޖްޝޭރް ވާދީގެ އިސް ލީޑަރު އަހްމަދު މަސްއޫދާއި ކުރީ ސަރުކާރުގެ ނައިބު ރައީސް އަމްރުﷲ ސޯލިހް ވީތަނެއް ނޭނގެ އެވެ.
އަފްގާނިސްތާނުގެ ހުރިހާ ޕްރޮވިންސެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ޖަމާއަތުން ބުނަމުން ދިޔަސް، ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން އަންނަނީ އެވާހަކަތައް ދޮގުކުރަމުންނެވެ. ވާދީގެ ހަނގުރާމަވެރިން ބުނާ ގޮތުގައި، ތާލިބާނުންނާ ދެކޮޅަށް ވާދީގެ ހުރިހާ ހިސާބެއްގައި ވެސް ވަރުގަދަ ހަމަލާތަކެއް މިހާރު ވެސް ދަނީ ދެމުންނެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕަންޖްޝޭރް ވާދީގެ ވެރިރަށް ބަޒަރަކްގައި ހުންނަ ގަވަރުނަރުގެ އޮފީހާ އިންވެގެން ހުރި އިމާރާތްތަކުގައި ތާލިބާނުންގެ ހުދު ކުލައިގެ ދިދަތައް ނަގާފައި ހުއްޓާ ފެނެ އެވެ.
"ދުޝަމަނުންގެ އެންމެ ފަހު ހާލި ޕަންޖްޝޭރް ޕްރޮވިންސް، މިހާރު މިވަނީ ފުރިހަމައަށް ފަތަހަ ކުރެވިފައި. ޕަންޖްޝޭރް ވާދީގެ ރައްޔިތުންނަށް ޔަގީންކަން މިދެނީ، އެމީހުންނާ މެދުގައި އަހަރެމެން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނަން. އެ ރައްޔިތުންނަކީ އަހަރެމެންގެ އެއްބަނޑުއެއްބަފާ މީހުން. އަހަރެމެން މަސައްކަތް ކުރާނީ އެއް އަމާޒަކަށް އެއް ގައުމެއްގެ ގޮތުގައި. މި ކާމިޔާބީއާ އެކު އަހަރެމެންގެ ގައުމު މިވަނީ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތް ވެފައި،" ޒަބީހުﷲ މުޖާހިދު ޓުވިޓާގައި ބުންޏެވެ.
ޒަބީހުﷲ ބުނީ ހަނގުރާމަ ނިމުމާއެކު ދެން އޮތީ، ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ކުރާނެ ސަރުކާރެއް އިއުލާން ކުރުމުގެ މަސައްކަތް ކަމަށެވެ.
ތާލިބާން ޖަމާއަތުގެ އިސް ވެރިއަކާ ހަވާލާދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި އާ ސަރުކާރު އެކުލަވައިލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންތައް މިހާރުވަނީ ފުރިހަމަވެފަ އެވެ. އަދި ވަރަށް އަވަހަށް ސަރުކާރު އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ.
އާ ސަރުކާރު އިއުލާންކުރާއިރު، ތާލިބާނުންގެ އިސް ލީޑަރު ހިބަތުﷲ އަޚުންދް ޒާދާ ހުންނާނީ ހަމަ އެ މަގާމުގަ އެވެ. އަދި އާ ސަރުކާރު ވެގެންދާނީ، ބައިނަލްއަގުވާމީ މުޖްތަމައު ވެސް އަދި އަފްގާނިސްތާނު ރައްޔިތުން ވެސް ގަބޫލުކުރާ ސަރުކާރަކަށް ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.
އާ ސަރުކާރު އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް، ތުރުކީ ވިލާތާއި ޗައިނާ އާއި ރޫސީ ވިލާތާއި އީރާނާއި ޕާކިސްތާނުގެ އިތުރުން ގަތަރު ސަރުކާރަށް ތާލިބާނުން މިހާރު ވަނީ ދައުވަތު ދީފަ އެވެ.
އިސް ތަރުޖަމާނު ޒަބީހުﷲ ބުނި ގޮތުގައި އެންމެ ފުރަތަމަ އެކުލަވައިލާނީ ވަގުތީ ސަރުކާރެކެވެ. އެއީ ވެރިކަން ކުރަމުންދާ އިރު، ކަންކަން އިސްލާހުކުރުމަށްޓަކައި ކެބިނެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަސާހަކުރުމުގެ ގޮތުންނެވެ.
އޭނާ ބުނި ގޮތުގައި ތާލިބާނުންނާއި ޗައިނާއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އަދި އަފްގާނިސްތާނުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަފްގާނިސްތާނުގައި އެކުލަވައިލާ އާ ސަރުކާރު، ޗައިނާ އިން ބަލައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޒަބީހުﷲ ބުންޏެވެ.
ކާބުލްގެ ވައިގެ ބަނދަރުން އަލުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން އޭނާ ބުނީ، ވައިގެ ބަނދަރުގެ ދަތުރުތައް ފެށުމަށްޓަކައި ފަންނީ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ގަތަރާއި ތުރުކީ ވިލާތުގެ ފަންނީ މާހިރުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމެރިކާ ސިފައިން ފައިބައިގެން ދިޔައީ، ރާޑަރު ނިޒާމު އެއްކޮށް ހަލާކުކޮށްލާފައި ކަމަށްވާތީ، ރާޑަރުގެ މަރާމާތުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ބުނީ މުޅި ޕަންޖްޝޭރް ވާދީ ހިފުނު ކަމަށް ތާލިބާނުން ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ޕަންޖްޝޭރް ވާދީގެ ފުރިހަމަ މިނިވަންކަން ކަށަވަރު ކުރެވެންދެން، ހަނގުރާމަވެރިން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.