އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ކުރިމަތިލައްވަނީ
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕަސަން ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ. މިދިޔަ އަހަރުން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދަވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގަ އެވެ.

ހަސަން ލަތީފް މިއަދު ވިދާޅުވި ގޮތުގައި ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ލީޑާޝިޕާ އެކީގައި ވީހާ ވެސް ކައިރިން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރީމަ އެވެ.

ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، ޕާޓީގެ އިދާރީ އެންމެހާ ކަންކަން ފުރިހަމަކޮށް، ސިޔާސީ ކަންކަން ހިންގުމަށް މަގު ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ އިސްލާމީ ޝަރީއާ އާއި ގާނޫނު އަސާސީއާ ހިލާފަށެވެ. އެހެންވެ، ސަރުކާރު ޒިންމާދާރު ކުރެވޭނެ ހުރިހާ މަގެއް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ކުރާނީ ހުރިހާ މެމްބަރުންގެ ބައިވެރިވުން އޮވެގެން ސިޔާސީ ކަންކަން ހިންގުމުގެ ފުރުސަތު ހޯދައި ދިނުމަށް، ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ކުރާނަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ނަޝީދު ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ހަސަން ލަތީފަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރެވެ. އަދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ މެމްބަރުކަން ކުރައްވާ ހަސަން ލަތީފަކީ އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ސިވިލް ރައިޓްސް މިނިސްޓަރެވެ.

އިނގިރޭސި ވިލާތުގައި ތައުލީމް ހާސިލް ކުރެއްވި ހަސަން ލަތީފް ވަނީ ލޯ އިން ޑިގްރީ، މާސްޓާސް އިން ކްރިމިނޮލޮޖީ ހާސިލް ކުރައްވާފަ އެވެ. އޭނާއަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލެކެވެ.

ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ފަހު، ވިދާޅުވީ އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައި ހުންނަވައި، އިތުރަށް މަގާމު ދެމެހެއްޓުމަށް ވުރެ، ޕާޓީ އާއި ރާއްޖޭގެ ހާލަތަށް ބަލައި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އެ ޕާޓީ އަށް ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ އާންމު މެމްބަރުންގެ ވޯޓަކުން އިންތިހާބު ކުރެވޭ މަގާމެކެވެ. ނަމަވެސް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން އަދި ހުޅުވައެއް ނުލަ އެވެ.