ފުލުހުން ގޮސް "ޑްރަގް ކެފޭތައް" ބަންދުކޮށްފި
ފުލުހުން ގޮސް "ޑްރަގް ކެފޭތައް" ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމަށް، ކެފޭ އުސޫލުން މީހުންނަށް ހިދުމަތް ދޭ ގެތަކަށް ފުލުހުން ގޮސް މިއަދު ގިނަ އަދަދެއްގެ ތަންތަން ބަންދުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ފެށި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ވަރަށް ގިނަ ތަންތަން ބަންދުކޮށް އެ ތަންތަނުގައި ފޯރިމަރަން ފަށައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.

ކެފޭ ހިންގާ އުސޫލުން ގޮނޑި އާއި މޭޒު ޖަހައި މަސްތުވާތަކެތި ބޭނުން ކުރަން ފުރުސަތު ދިނުމުގެ "ހިދުމަތް" ދޭ އެތައް ގެއެއް މާލޭގައި އެބަހުއްޓެވެ. އެ ގެތައް ހަދާފައި ހުންނަނީ ފުލުހުންނަށް ފަސޭހައިން ނުވަދެވޭ ގޮތަށް ދަގަނޑު ގޭޓްތައް ފަދަ ވަރުގަދަ ދޮރުތައް ހަރުކޮށްގެންނެވެ.

އެފަދަ ގެތަކަށް ފުލުހުން ރެއިޑްކޮށް މީހުން ހައްޔަރުކުރި ނަމަވެސް، އެ ގޭތަކުގެ ވެރިފަރާތްތަކުން ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކަށް އެއްބާރުލުންދޭތީ އެކަން ހުއްޓުވަން އުނދަގޫވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ފުލުހުން އޮޕަރޭޝަންތައް ނިންމާލާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެފަދަ ގެތަކުގައި އެކަން ކުރުން އަލުން ފަށަ އެވެ. އެފަދަ ގެތަކަށް ގެތަކުގެ ވެރިފަރާތް ނޫން މީހުން ވަނުން މަނާ ކުރެވޭނެ ގޮތެއް ވެސް ފުލުހުންނަށް ނޯވެ އެވެ.

ކެފޭ އުސޫލުން ޑްރަގް ވިޔަފާރިކުރާ ގެއެއްގެ ވެރިފަރާތަށް ފުރަތަމަ ފަހަރަށް ދައުވާ ކުރީ ވެސް މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ ކުރީ މ. ބްރައިޓްފްލާވާ ގޭގެ ވެރިޔާ ހުސެއިން ޔޫސުފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުރީ "ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއްގައި، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ނުވަތަ ޖަދުވަލު ދޭއެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑަލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލު ކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލު ކުރާނެ ފުރުސަތު އޮވެ، އެތަނުގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ" ކުށުގެ ދައުވާ އެވެެ.