އަސްކަރީ އިންގިލާބެއްގައި ގިނީގެ ރައީސް ހައްޔަރުކޮށްފި
އަސްކަރީ އިންގިލާބެއްގައި ގިނީގެ ރައީސް ހައްޔަރުކޮށްފި

ގިނީގެ އަސްކަރިއްޔާގައި ހިމެނޭ ހާއްސަ ފައުޖުގެ ސިފައިން ގެނައި އިންގިލާބެއްގައި ސަރުކާރު ވައްޓާލައި، އެ ގައުމުގެ ރައީސް އަލްފާ ކޮންޑޭ، 83، ރޭ ހައްޔަރުކޮށްފި އެވެ.

ރައީސްގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ހާއްސަ ފައުޖުގެ ސިފައިން، ރޭ ރިއާސީ ގަނޑުވަރަށް ވަދެ ރައީސް ހައްޔަރުކުރުމަށް ފަހު، ގާނޫނުއަސާސީ އަށް އަމަލުކުރުން މެދުކަނޑާލައިފާ ކަން ވަނީ އިއުލާން ކޮށްފަ އެވެ. ރައީސް ހައްޔަރުކުރުމުގެ އޮޕަރޭޝަން ސިފައިން ހިންގި އިރު، ވެރިރަށް ކޮނާކްރީގައި ހުންނަ ރިއާސީ ގަނޑުވަރު ކައިރިން ވަރަށް ވަރުގަދަ އަށް ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު އަޑު އިވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ހާއްސަ ފައުޖުގެ ކޮމާންޑަރު ކާނަލް މަމަޑޫ ޑުމްބޫޔާ، ގައުމީ ޓީވީ މެދުކޮށް ރައްޔިތުންނާ މުހާތަބުކުރަމުން ބުނި ގޮތުގައި ރައީސް އަލްފާ ކޮންޑޭ މިހާރު ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި ގިނީ އާއި އަވައްޓެރި ގައުމުތައް ގުޅުވައިދޭ ހުރިހާ ބޯޑަރުތައް، އެއް ހަފުތާގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ސިޔާސީ ކަންކަމުގައި އެންމެ މީހަކަށް އިތުބާރު ކުރުން މިހާ ހިސާބުން ނިމުނީ ކަމަށެވެ. އޭގެ ބަދަލުގައި ސިފައިން އިތުބާރު ކުރާނީ ގައުމުގެ ރައްޔިތުންނަށް ކަމަށާއި، ސިފައިންގެ ޒިންމާއަކީ ގައުމު ހިމާޔަތްކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ކާނަލް މަމާޑޫ ބުނި ގޮތުގައި އޭނާ މިވަގުތު މަސައްކަތް ކުރަމުން ދަނީ ގައުމުގެ އާންމު ރައްޔިތުންގެ މަސްހަލަތުގަ އެވެ. ފަރަންސޭސީންގެ އަޅުވެތިކަމުން 1958 ވަނަ އަހަރު ގިނީ އަށް މިނިވަންކަން ލިބުނީއްސުރެ މިއަދާ ހަމައަށް އައި އިރު ވެސް، ގައުމުގެ އިގްތިސާދަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ގައުމުގެ މަގުތައް އޮތް ހާލަތު ފެނިއްޖެ ނަމަ، އަހަރެމެންގެ ހޮސްޕިޓަލުތައް އޮތް ހާލަތު ފެނިއްޖެ ނަމަ، 72 އަހަރަށް ފަހު ކަލޭމެންނަށް ވެސް ގަބޫލުކުރެވޭނެ، މިއީ އަހަރެމެން ތެދުވަންވީ ވަގުތުކަން. އަހަރެމެން ތެދުވަން ވެއްޖެ."

ރައީސް އަލްފާގެ ވެރިކަން ވައްޓާލައިފިކަން އެނގުމާއެކު، ވެރިރަށް ކޮނާކްރީގެ މަގުތަކަށް އާންމުންގެ ބައެއް މީހުން ނުކުމެ އުފާފާޅުކޮށް އުޅުނެވެ. ނަމަވެސް މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއޫ އިއުލާން ކުރުމާ ގުޅިގެން، މަގުތައް މިހާރު ފެންނަނީ ފަޅުކޮށް ކަމަށް، އަލްޖަޒީރާގެ ނޫސްވެރިން ބުނެ އެވެ.

ސަރަހައްދީ ހުރިހާ ގަވަރުނަރުން ވެސް މަގާމުން ވަކިކޮށް، އެ މަގާމުތަކަށް އަސްކަރީ އޮފިސަރުން މިހާރު އައްޔަންކޮށްފައިވާ ކަމަށް، އިންގިލާބީ ވެރިން މިއަދު އިއުލާން ކުރި އެވެ. ރައީސް އަލްފާގެ ކެބިނެޓްގެ ހުރިހާ މެމްބަރުން މިއަދު ރިއާސީ ގަނޑުވަރަށް ހާޒިރުކޮށް، އެމީހުންގެ ވިސްނުން ހުރި ގޮތް ބަލާނެ ކަމަށް ވެސް އަސްކަރީ ވެރިން ބުންޏެވެ.

ކާފިއު ހިންގުމާ ގުޅިގެން، މަގުތަކަށް ސިފައިން ނުކުމެ މިހާރު އަންނަނީ އާންމުން މަގުތަކަށް ނުކުމެ އުޅުން މަނާކުރަމުންނެވެ. ކާފިއު ހިންގާފައި އޮތަސް ވެސް، ސަރުކާރު މުވައްޒަފުން ވަޒީފާ އަށް ނުކުތުމަށް ސިފައިން ވަނީ ގޮވާލައިފަ އެވެ.

ރޭ ދަންވަރު ގިނީގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާއްސަ ފައުޖުގެ ސިފައިން ގައުމުގެ ވެރިކަން ބަދަލުކުރުމާ ގުޅިގެން، އަސްކަރީ އިންގިލާބާ ދެކޮޅަށް ތެދުވަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން މިހާރު މައިތިރި ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގިނީ އަށް މިގެނައި އަސްކަރީ އިންގިލާބަށް ފަހު، ވެރިކަމުން ދުރުކުރި ރައީސް އަލްފާ ކޮންޑޭ އަށް ވީނުވީއެއް ނޭނގިފައިވާ އިރު، ބައިނަލްއަގުވާމީ މުޖްތަމައުން އަންނަނީ އަސްކަރީ އިންގިލާބު ކުށްވެރި ކުރަމުންނެވެ. ސިފައިންގެ އިންގިލާބު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ، ރައީސް އަލްފާ ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފަ އެވެ.

ގިނީގެ ވެރިކަން ބަދަލުކުރުމަކީ ބަގާވާތެއްގެ ގޮތުގައި ސިފަކުރަމުން، ހުޅަނގު އެފްރިކާ ގައުމުތަކުގެ އިގްތިސާދީ ޖަމިއްޔާ އިން ވަނީ، ގިނީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް އިންޒާރު ކޮށްފަ އެވެ. އެފްރިކާ އިއްތިހާދުން ބުނީ، ގިނީގެ މައްސަލައިގައި ބަހުސްކޮށް ފިޔަވަޅެއް އެޅުމަށް، ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އެމެރިކާ އިން ބުނި ގޮތުގައި ހަރުކަށި އަމަލުތަކާއި ގާނޫނުއަސާސީއާ ހިލާފު އަމަލުތަކުގެ ސަބަބުން ގިނީގެ ސުލްހަ އާއި ހަމަޖެހުމާއި ކުރިއެރުމަށް ހުރަސްތައް ކުރިމަތިވާނެ އެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން، ގިނީގެ ތަރައްގީ އަށްޓަކައި އެމެރިކާ އިން ދޭ އެހީތަކަށް ވެސް ބުރޫއަރާނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އަލްޖަޒީރާ ޓީވީން ބުނި ގޮތުގައި، އަސްކަރީ އިންގިލާބުގައި ވެރިކަން ބަދަލުކުރުމާ ގުޅިގެން، މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފެށީ، ގިނީގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންނާއި ވެރިރަށް ކޮނާކްރީގެ ޒުވާނުންނެވެ. އިންގިލާބީ ލީޑަރު މަމަޑޫއަކީ ރިއާސީ ގާޑުންގެ މެދުގައި ވަރަށް މަގުބޫލު އޮފިސަރަކަށް ވާއިރު، ސިފައިންގެ ތެރެއިން އެކަމާ ދެކޮޅަށް ބަޔަކު ތެދުވާނެ ކަމަށް ނުބެލެވެ އެވެ.

ސިފައިންގެ އަސްކަރީ އިންގިލާބެއްގައި ވެރިކަން މި ވައްޓައިލީ، ގައުމުގެ ރައީސާއި ނާއިބު ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަތައް ބޮޑުކޮށް، ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންނާއި ފުލުހުންގެ މުސާރަތައް ކުޑަކުރުމަށް، ގާނޫނު ހަދާ މަޖިލީހުން ފާސްކުރިތާ އެއް ހަފުތާ ފަހުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޮތް ރިއާސީ އިންތިހާބުގައި ރައީސް ކޮންޑޭ ވާދަކުރެއްވީ، ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި އޮއްވައި، މިދިޔަ އަހަރުގެ މާޗް މަހު ފާސްކުރި އާ ގާނޫނުއަސާސީގައި، ވެރިކަމުގައި ތިން ދައުރު ހުރެވޭ ގޮތަށް ކަނޑައަޅައިގެންނެވެ. އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވުމާ ގުޅިގެން، މުޅި ގައުމުގައި މުޒާހަރާތައް ފެށުނެވެ.

މުޒާހަރާތައް ފެށުނީ، ރައީސް އަލްފާ ކޮންޑޭ އިންތިހާބު ކާމިޔާބު ކުރެއްވީ، ވޯޓުގައި މަކަރު ހައްދަވައިގެން ކަމަށް، އިދިކޮޅު ލީޑަރު ސެއްލޫ ޑަލެއިން ޑިއައްލޯ އާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވުމާ ގުޅިގެންނެވެ. މުޒާހަރާތައް ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވި އެވެ.