06 ސެޕްޓެމްބަރ 2021 - 16:20

ހިޔާ ފްލެޓް ލިބުނު މީހަކު އެތަނުގެ ފިނިޝިން ނިންމަން ގަތް ހުރިހާ އެއްޗެއް، ފްލެޓަށް ވައްދަން ތިރީގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމުން، އޭނާއަށް އެހީވުމުގެ ގޮތުން އޭގެ ބަދަލުގައި މުދާ ގަނެދޭން މީހަކު ނިންމައިފި އެވެ.
ފްލެޓްގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް މުހައްމަދު "މިހާރު" އަށް ހެނދުނު ކިޔައިދިން ގޮތުގައި ވަގަށް ގެންދިޔަ ތަކެތީގެ އަގަކީ 33،800ރ. އެވެ. އެއީ 130 ގަނޑު ތަށިމުށި، 30 ކޮތަޅު ސިމެންތި އަދި ދެ ކޮޓަރި އާއި ދެ ފާހާނާގައި ހަރުކުރަން ގެންދިޔަ ހަތަރު ދޮރުފަތެވެ.
އިއްޔެ އެ ސާމާނު ވަގަށް ނެގުމުން މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް، ވަގަށް ނެގި އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ސާމާނު ނުފެނި މާޔޫސް ކަމެއްގައި ހުއްޓާ އޭނާއަށް މީހަކު ވަނީ އެހީވެފަ އެވެ.
"އަދި މާގިނަ އިރެއް ވެސް ނުވޭ، އަޅުގަނޑު ހުޅުމާލޭގައި ހުއްޓާ މީހަކު ގުޅާފަ ބުނީ ކޯޓޭޝަން ފޮނުވަދޭށޭ. އެހީވާން ވެގެން،" އެހީ ދޭ މީހާއަށް ޝުކުރު އަދާކުރަމުން އޭނާ ބުންޏެވެ.
އެހީ ދިން މީހާ އޭނާގެ ނަން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.
ދަފްތަރު ކެޓަގަރީން އިބްރާހީމަށް ފްލެޓް ލިބުނީ 15 ވަނަ ޓަވަރުގެ 24 ވަނަ ފްލޯ އިންނެވެ. އެ ޓަވަރުގެ ބޭރުގައި ފްލެޓް ހަދަން ގެންދިޔަ ސާމާނު ބެހެއްޓީ ލިފްޓު ބިޒީކަމުން އެ ވަގުތު މައްޗަށް ނޭރުވިގެންނެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން އޭނާ ސައިބޮއެގެން އައިއިރު ފްލެޓްގެ މަސައްކަތް ކުރަން ގެންދިޔަ އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. އެ ހޯދުމަށް މުޅި ސަރަހައްދު އޭނާ ބެލި އެވެ. މިއަދު ހެނދުނު ވެސް ދެ ފަހަރަކު ހިޔާ ފްލެޓް ސަރަހައްދަށް ގޮސް މުދާތައް ފެނޭތޯ ބެލި ނަމަވެސް އޭނާއަށް މީހަކު އެހީވެފައި މިވަނީ ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އެވެ.
އިބްރާހީމް ބުނި ގޮތުގައި އޭނާ ފްލެޓަށް ބޭނުންވާ ސާމާނު ގަތީ ތިން މަހުގެ މުސާރަ އެއްކޮށްގެންނެވެ.