ޝާހްރުކާ އެކު މަސައްކަތްކުރަން އާމިރު ޚާން ބޭނުން
ޝާހްރުކާ އެކު މަސައްކަތްކުރަން އާމިރު ޚާން ބޭނުން

އާމިރު ޚާންގެ އާ ފިލްމު "ޑަންގަލް" ރިލީޒްވާން ކައިރިވާ އިރު ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ޝާހްރުކް ޚާނާ އެކު ފިލްމެއް ކުޅެލާނެ ފުރުސަތަކަށް އިންތިޒާރު ކުރާ ކަމަށެވެ.

އާމިރު މިހެން ބުނީ ޝާހްރުކް ވެސް އާމިރާ އެކު "ތުރީ އިޑިއަޓްސް" ކަހަލަ ފިލްމެއް ކުޅެން ބޭނުންކަމަށް ބުނެފައި ވަނިކޮށެވެ.

"ޑަންގަލް"އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ އިންޑިޔާގައި ފައިސާއަށް ދިމާވެގެން އުޅޭ މައްސަލައިން "ޑަންގަލް" ގެ ބޮކްސް އޮފީސް އާމްދަނީ އަށް އަސަރު ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ޑަންގަލް" ރިލީޒްކުރަނީ ޑިސެމްބަރު 23 ގަ އެވެ. އެހާ ތަނަށް ދާއިރަށް ފައިސާގެ މައްސަލަ ހަމައަކަށް އެޅޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.

އާމިރު ބުނި ގޮތުގައި "ރޮކް އޮން 2" އަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ފައިސާގެ މައްސަލައިގެ ސަބަބުންނެވެ. އެ ފިލްމު ނެރުނީ 500 އާއި 1000 ރުޕީސްގެ ކުރީގެ ނޫޓު ބޭނުންކުރުން ހުއްޓާލިތާ ދެ ދުވަހެއް ތެރޭގަ އެވެ.

އާމިރު ބުނީ މިދިޔަ ހަފުތާގައި ނުކުތް "ޑިއާ ޒިންދަގީ" ރަނގަޅަށް ހިނގާތީ، ފައިސާ ނޫޓުގެ މައްސަލަ މަޑުމަޑުން ހަމައަކަށް އެޅެނީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.