ރިސޯޓުތަކުން ހުއްދަނެތި ރީބްރޯޑްކާސްޓް ކުރާ މައްސަލަ މަޖިލީހުން ބަލަނީ
ރިސޯޓުތަކުން ހުއްދަނެތި ރީބްރޯޑްކާސްޓް ކުރާ މައްސަލަ މަޖިލީހުން ބަލަނީ

ރިސޯޓުތަކުގައި ހުއްދަ ނުނަގައި ޗެނަލްތައް ރީބްރޯޑްކާސްޓްކުރާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ވަރަށް ގިނަ ރިސޯޓުތަކުން ހުއްދަ ނުހޯދާ ރީބްރޯޑްކާސްޓް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އެކި ފަހަރު މަތިން ޓޫރިޒަމް މިނިސްޓްރީއާ ބަދަލުކޮށް މަޝްވަރާތައް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގަވައިދާ ހިލާފަށް ރީ ބްރޯޑްކާސްޓް ކުރުމުގެ އިތުރުން ބޭރުގެ ޗެނަލްތައް ހުއްދަނެތި ދައްކަމުން ދާތީ ކޮޕީ ރައިޓްގެ މައްސަލަތައް ވެސް ފެންމަތިވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ 13 ރިސޯޓަކުން އަަމިއްލަ ލައިސެންސްގައި ރީބްރޯޑްކާސްޓް ކުރަމުން އަންނަ ކަމަށެވެ. އަދި ރީބްރޯޑްކާސްޓަރުން މެދުވެރިކޮށް 103 ރިސޯޓަކުން ހިދުމަތް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަވައިދާ ހިލާފަށް ރިބްރޯޑްކާސްޓް ކުރަމުން އަންނަ 31 ރިސޯޓެއްގެ މައްސަލަ ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްތައް ކުރި ކަމަށެވެ.

"ގާނޫނު ބުނާ ގޮތުން 60 ދުވަސް ތެރޭ މައްސަލަ ނިންމަން ވެސް ޖެހޭ. ނުނިމި ދިގުލާފައި 876 ދުވަސް ވެފަ އޮތް މައްސަލައެއް އެބައިން. އަޅުގަނޑުމެން ނުބަލަން މިއީ ކުޑަ މައްސަލައެއް ކަމަކަށް. އެއީ ޗެނަލް ރައިޓްސް ނެތި ލައިސެންސް ނެތި ބްރޯޑްކާސްޓް ކުރުމަކީ އިންޓަނޭޝަނަލް ކޮޕީ ރައިޓްސް، ބްރޯޑްކާސްޓިން ގާނޫނު ވެސް ވަޔަލޭޓް ކުރެވޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކުގެ އިންސްޕެކްޝަން ކުރާ ދަތުރުތަކުގައި ކޮމިޝަނުގެ ބޭފުޅަކު ގެންދެވޭނެ ގޮތެއް ހަމަޖައްސާދިނުމަށް އެދިފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.