ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ށ.ފީވަކުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްއީއާ ހަވާލުކޮށްގެ ކުރިއަށް ގެންދާ 49 މިލިއަން ރުފިޔާގެ މި މަޝްރޫއު 450 ދުވަހުން ނިންމަންޖެހެ އެވެ.

މިހާރު އެ ރަށުގައި ކުރިޔަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފަ އެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 9 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.