ލަންކާގެ މިއުޒިކް ލެޖެންޑް ސުނިލް ޕެރޭރާ މަރުވެއްޖެ
ލަންކާގެ މިއުޒިކް ލެޖެންޑް ސުނިލް ޕެރޭރާ މަރުވެއްޖެ

ސްރީ ލަންކާގެ މަޝްހޫރު މިއުޒިކް ލެޖެންޑް ސުނިލް ޕެރޭރާ މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 68 އަހަރުގެ ފަންނާނު މަރުވީ ކޮވިޑް-19 ބަލީގަ އެވެ.

ސުނިލް އަކީ ލަންކާގައި އުފެދުނު މިއުޒިޝަނުންގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދި ވަރަށް ކާމިޔާބު ފަންނާނެކެވެ. އޭނާ އަކީ ލަންކާގެ މަޝްހޫރު ބޭންޑް "ދަ ޖިޕްސީޒް" ގެ ލީޑަރު އަދި ލީޑް ވޯކަލިސްޓެވެ. އެ ބޭންޑަކީ ސުނިލްގެ ބައްޕަ، ކުރީގެ އަސްކަރީ އޮފިސަރު އެންޓަން ޕެރޭރާގެ މޭސްތިރިިކަމުގެ ދަށުން 1970 ގައި އުފަންވި ބޭންޑެކެވެ.

ސުނިލް އަކީ އޭނާގެ ދިގު މިއުޒިކް ކެރިއަރުގައި މަގުބޫލު އެތައް ލަވައެއް ކިޔައިދީފައިވާ އަދި މިއުޒިކީ ދާއިރާ އިން ލަންކާގެ ކުރިއެރުންތަކުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ފަންނާނެކެވެ.

އޭނާގެ މިއުޒިކާއި ލަވަތައް ބޮޑަށް ފާހަގަކުރެވިފައި ވަނީ އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭ ލަވަތަކެއްގެ ގޮތުގަ އެވެ. ޅެންތަކުގައި ހުންނަ މަޖާ އަދި ސަކަ އިބާރާތްތަކާއި ލަވަތަކުގެ މިއުޒިކް ހަދާފައި ހުންނަ ގޮތުން އާންމުންގެ ތެރޭގައި އަބަދު ވެސް ސުނިލްގެ ލަވަތަކަށް ހާއްސަ ޖޯޝަކާއި ފޯރިއެއް އޮވެ އެވެ.

ލަންކާގައި މިއުޒިކް ޖޯންރާއެއްގެ ގޮތުގައި މަޝްހޫރު ބައިލާ އަކީ ޕެރޭރާގެ ވަރަށް ހާއްސަ ޖޯންރާއެކެވެ.

ދިހަ ކުދިން ތިބި އާއިލާއަކަށް އުފަން ސުނިލް މިއުޒިކްގެ ތެރެއަށް ވަނީ އުމުރުން އެންމެ 11 އަހަރުގަ އެވެ. އޭނާގެ ފެށުމަކީ ގިޓާ ކުޅުމެވެ.

ސުނިލް އަށް ހަތަރު ދަރިން ލިބިފައިވެ އެވެ.

އޭނާ މަރުވި އިރު "ދަ ޖިޕްސީޒް" ބޭންޑްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބީ ކޮއްކޮ ޕިޔަލް ޕެރޭރާ އާއި ގޯޑަން އަތޫލާ އާއި ޑެރެކް ހެޕޮންސްޓޯލް އާއި ރަނިލް ވަސް އާއި ދުޝަން ޖަޔަތިލަކެ އަދި މޮނިކް ޕަލެގަމާ އެވެ.