30 ނޮވެމްބަރ 2016 - 13:31

ނިއު ދިއްލީ (ނޮވެމްބަރު 30) - އިންޑިއާގެ ހުރިހާ ސިނަމާއެއްގައި ވެސް ފިލްމު ދައްކަން ފެށުމުގެ ކުރިން ސްކްރީނަށް ގައުމީ ދިދަ އަރުވާ ގައުމީ ސަލާމް ކުޅެން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ގައުމީ ސަލާމް ކުޅެމުންދާ އިރު ސިނަމާގައި ތިބޭ އެންމެން ކޮޅަށް ތެދުވުމަށް ވެސް ވަނީ އަންގައިފަ އެވެ.
"ގައުމީ ސަލާމް ކުޅެމުންދާ އިރު ގައުމީ ސަލާމަށް ކޮންމެ މީހަކު ވެސް އިހްތިރާމް ކުރުމަކީ ކުރަން ޖެހޭ ކަމެއް. އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ގައުމިއްޔަތު އުފެދި އާލާވަމުންދާނެ،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
މަހާރާސްތުރާ ސްޓޭޓުގައި 2013 ވަނަ އަހަރު ވަނީ ފިލްމު ދައްކަން ފެށުމުގެ ކުރިން ގައުމީ ސަލާމް ކުޅެން އަންގައިފަ އެވެ. އިންޑިއާގެ ސިނަމާތަކުގައި 1960 ގެ އަހަރުތަކުގައި ފިލްމަށް ފަހު ގައުމީ ސަލާމް ކުޅެމުންދިޔަ އެވެ.
ފިލްމު އަޅުވާ އިރު ގައުމީ ސަލާމް ކުޅޭ ގޮތަށް ހަމަޖެއްސީ ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ޕެޓިޝަނާ ގުޅޭ ގޮތުން ކޯޓުގައި ވަކާލާތު ކުރި ވަކީލް ބުނީ ގައުމީ ސަލާމާ ބެހޭ ގޮތުން ގައިޑްލައިނެއް ނެތުމުން ކޯޓުން އެކަން ފާސް ކުރުން މުހިންމު ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ ގައުމީ ސަލާމް ބޭނުންކޮށްގެން ވިޔަފާރީގެ ފައިދާ ނުނެގުމަށާއި ގައުމީ ދިދަ އަށް ވެސް އިހްތިރާމް ކުރުމަށް އަންގައިފަ އެވެ.