06 ސެޕްޓެމްބަރ 2021 - 12:29

މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކުރާ ޕިކަޕް ދަތުރުތަކުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ނިންމައިފި އެވެ.
ޕިކަޕުތަކުން މާލެ އިން ހުޅުމާލެ އަށް އާއްމުކޮށް ދަތުރު ކުރަނީ 500ރ. އަށެވެ. ނަމަވެސް މިހާރު ދެވަނަ ފިޔަވަހި ހުޅުވާލުމާ އެކު އެތަނަށް ދާން އިތުރަށް 200ރ. - 350ރ. އާ ދެމެދުގެ އަގުތަކެއް ޑްރައިވަރުން ނަގަ އެވެ.
ސަރުކާރުން ވަކި އަގެއް ކަނޑައަޅާފައި ނުވާތީ މިހާރު ނަގަމުން އަންނަނީ ޕިކަޕު ޑްރައިވަރުން އަމިއްލަ އަށް ކަނޑައަޅާފައިވާ އަގުތަކެކެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ ޕިކަޕު ދަތުރުތަކުގެ އަގު ކޮންޓްރޯލްކުރަން ނިންމާފައިވާ ކަމަށާއި ނަގާނެ އަގުތައް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އިތުރު އެޕްރޫވަލްތަކެއް ހޯދަން ޖެހޭތީ އަގުތައް ހާމައެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަގުތަކަށް އަޅުގަނޑުމެން ފައިނަލް އެޕްރޫވަލް ބޭނުންވޭ. އެކަން ނިންމުމަށް ފަހު މި ހަފްތާ ނުވަތަ އަންނަ ހަފްތާގެ ތެރޭގައި އަގުތައް އިއުލާން ކުރާނަން،" ހިދާޔާ ވިދާޅުވި އެވެ.
ހިޔާ ފްލެޓު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އުފުލުމަށާއި ފްލެޓަށް ބަދަލުވުމުގެ ކަންކަން މިދުވަސްވަރު ގިނަ ބަޔަކު ކުރަމުން އަންނާތީ، މާލެއިން ހުޅުމާލެ އަށް ކުރާ ޕިކަޕު ދަތުރުތަކުގެ ޑިމާންޑު ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޕިކަޕުގެ އަގުތައް ކަނޑައަޅައިފައި ނެތް ނަމަވެސް ޓެކްސީގެ އަގުތައް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، މާލެ އިން ފޭސް ދޭކަށް ދާން ޓެކްސީ ކުއްޔަކީ 90ރ. އެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދާން އެންމެ ބޮޑުކޮށް ނަގާނީ 40ރ. އެވެ.