06 ސެޕްޓެމްބަރ 2021 - 11:35

ކޮނަކްރީ، ގިނީ (ސެޕްޓެމްބަރު 6) - ގިނީގެ އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލުމުން ހިނގަމުންދާ ހަމަނުޖހުންތަކުގެ ސަބަބުން، ވޯލްޑް ކަޕް ކޮލިފައިންގައި މޮރޮކޯއާ ދެކޮޅަށް ގިނީ ކުޅެން ހަމަޖެހިފައިވާ މެޗު ކެންސަލްކޮށްފި އެވެ.
ހުޅަނގު އެފްރިކާ އަށް ނިސްބަތްވާ ގިނީގައި އަސްކަރިއްޔާ އިން ނުކުމެ ވަނީ، 11 އަހަރު ވަންދެން އެ ގައުމުގައި ވެރިކަން ކުރައްވަމުން ގެންދިޔަ، އަލްފާ ކޮންޑްގެ ވެރިކަން މުލުން ލުހެލައިފަ އެވެ. އެކަމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެފްރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ (ސީއޭއެފް) އިން ވަނީ މެޗު ކެންސަލްކޮށްފަ އެވެ.
މެޗު ކުޅެން ހަމަޖެހިފައި އޮތީ މިއަދު އެވެ. އަސްކަރިއްޔާ އިން އިއްޔެ ނުކުމެ ސަރުކާރު ވައްޓާލުމުން ހަމަނުޖެހުންތައް ވަނީ އުފެދިފަ އެވެ. މޮރޮކޯގެ ޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު، ގިނީގައި އެ ޓީމުގެ ފުރަތަމަ ޕްރެކްޓިސް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
މެޗު ކެންސަލް ކުރުމުގެ ކުރިން، މޮރޮކޯގެ ކޯޗް، ބޮސްނިއާގެ ވާހިދު ހަލިހޮޒިކް، ފްރާންސްގެ ލެކީޕް ނޫހަށް ދިން އިންޓަވިއުގައި ބުނީ، ޓީމު ތިބި ހޮޓެލް ކައިރިން ވެސް ބަޑީގެ އަޑު އިވޭ ކަމަށެވެ.
"އަހަރެމެން އަލުން ގައުމަށް ގެންދަން މަތިންދާބޯޓެއް އޮތީ އެއާޕޯޓްގައި ތައްޔާރަށް. ހޮޓަލުން އެއާޕޯޓަށް ދިއުމަށް ގަޑިއެއްހާއިރު ހޭދަވާނެ. ނަމަވެސް މަގުތަކުގައި ރައްކާތެރި ކަމެއް، ސަލާމަތްތެރިކަމާ އެކު އެއާޕޯޓަށް ދެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީން ކަމެއް އަހަރެމެންނަކަށް ނެތް،" މެޗު ކެންސަލް ކުރުމުގެ ކުރިން ދިން އިންޓަވިއުގައި ވާހިދު ބުންޏެވެ.
ފީފާ އާއި ކޭފްއިން ބުނީ ދެ ޓީމުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.