އެންރީކޭގެ ފަހު އަލްބަމް "ފައިނަލް" މި މަހުގެ 17 ގައި ނެރެނީ
އެންރީކޭގެ ފަހު އަލްބަމް "ފައިނަލް" މި މަހުގެ 17 ގައި ނެރެނީ

ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ސްޕެއިންގެ ލަވަކިޔުންތެރިޔާ އެންރީކޭ އިގްލޭޒިއަސްގެ ފަހު އަލްބަމް މި މަހުގެ 17 ގައި ނެރެން ނިންމައިފި އެވެ.

މަޝްހޫރު ފަންނާނުން ކަމަށްވާ ރިކީ މާޓިން އާއި ސެބަސްޓިއަން ޔާޓްރާ އެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަލް ޓުއާއެއްގެ ތެރޭގައި 46 އަހަރުގެ އެންރީކޭ ބުނީ އޭނާގެ ފަހު އަލްބަމަކީ "ފައިނަލް" ކަމަށެވެ. އަދި މި މަހުގެ 17 ގައި ނެރޭ އަލްބަކީ ދެ ވޮލިއުމްގެ އެއްޗެއް ކަމަށް ވެސް ބުންޏެވެ.

އެންރީކޭ ބުނި ގޮތުގައި ކެރިއަރުގެ ފަހު އަލްބަމަކަށް "ފައިނަލް" ހެދުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. އެކަމަކު މި އަލްބަމަށް ފަހު ދެން އަލްބަމް ނެރުން ހުއްޓާލުމާ ދޭތެރޭ ވިސްނަން ފެށީ 2015 އިން ފެށިގެން ކަމަށް ބުންޏެވެ.

"އަހަރެން މިހާރު މި ހުރީ އެ ނިންމުން ނިންމައިގެން،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ "ފައިނަލް" އަށް ފަހު އަލްބަމްތައް ނެރުން ހުއްޓައިލިޔަސް މިއުޒިކާ ވަކިނުވާނެ ކަމަށެވެ.

"މިއުޒިކަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް. އެހެންވީމާ އެ މަސައްކަތުގައި ދެމިހުންނާނަން. މިއުޒިކްގެ ތެރޭގައި އުޅޭކަށް ކޮންމެހެން ނުޖެހޭ އަލްބަމްތަކެއް ނެރޭކަށް ވެސް." އެންރީކާ ބުންޏެވެ.

އޭނާގެ ފަހު އަލްބަމް "ފައިނަލް" ގެ ވޮލިއުމް 1 މި މަހުގެ 17 ގައި ނެރުނަސް ވޮލިއުމް 2 ނެރޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

ތިން ކުދިންގެ ބައްޕަ އެންމެ ފަހުން ނެރުނު އަލްބަމަކީ 2014 ގެ "ސެކްސް އެންޑް ލަވް" އެވެ. "ކިންކް އޮފް ލެޓިން ޕޮޕް" ގެ ނަމުގައި މަޝްހޫރުވި އެންރީކޭ ކެރިއަރުގައި މިހާތަނަށް 10 އަލްބަމް ނެރެފައިވާ އިރު، ފުރަތަމަ އަލްބަމަކީ އަމިއްލަ ނަން ދީފައިވާ 1995 ގެ "އެންރިކޭ އިގްލީޒިއަސް" އެވެ.