06 ސެޕްޓެމްބަރ 2021 - 11:10

ރ. އަތޮޅު މީދު އާއި މަޑުއްވަރީ ސަރަހައްދުގައި ސަރުކާރުން އެއާޕޯޓެއް ހަދާނެތޯ އާއި އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ސުވާލަށް ޖަވާބު ނުދެއްވައި ދޫކޮށްލައްވައިފި އެވެ.
މަޖިލީހުގައި ކުރުމަށް ތާވަލުކުރާ ސުވާލާ ގުޅުމެއް ނެތް ސުވާލުތަކަށް މީގެ ކުރިން އަސްލަމް ޖަވާބު ދެއްވާފައިވީ ނަމަވެސް، މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފުގެ ސުވާލަށް ޖަވާބެއް ނުދެއްވާނެ ކަމަށް ސާފުކޮށް ވިދާޅުވި އެވެ.
އަސްލަމާ ސުވާލު ކުރުމަށް މިއަދު އެޖެންޑާ ކޮށްފައި އޮތީ ށ. އަތޮޅުގެ ތިން ރަށެއްގެ ފެނާއިި ނަރުދަމާގެ މަސައްލަތް ފެށުން ލަސްވާ މައްސަލައިގައި ޖަވާބެއް ހޯދުމަށެވެ. ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ކުރެއްވި އެ ސުވާލަށް ފަހު، ގުޅުން ހުރި ސުވާލު ކުރުމަށް އާއްމުކޮށް ހުޅުވައިލި ފުރުސަތުގައި އާދަމް ޝަރީފު ކުރެއްވީ ތިން ސުވާލެކެވެ.
ފުރަތަމަ ސުވާލުގައި އެއްސެވީ އަލިފުށީގައި އެއާޕޯޓެއް ހެދުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ނެތް އިރު، އެ މަސައްކަތް ކުރަން ސަރުކާރުން ނިންމި ނިންމުން އެއީ އެ ރަށުގެ ރައްޔިތުންނަށް "ލަނޑަކަށް ނުވާނެތޯ؟" އެވެ. ދެވަނަ ސުވާލުގައި އާދަމް ޝަރީފު ސާފުކުރައްވަން ބޭނުންވީ ރ. އަތޮޅުގެ ދެކުނުގައި ބޮޑު އާބާދީއަކާއި ގިނަ ރިސޯޓްތަކެއް ހުރި އިރު އެ ސަަރަހައްދުގައި ސަރުކާރުން އެއާޕޯޓެއް ހަދާނެތޯ އެވެ.
"ރ. އަތޮޅުގެ އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމާ ގުޅިގެން، އަތޮޅުގެ ރަށްރަށުގައި ވަރަށް ބޮޑެތި ހިލާފުތަކެއް އެބަހުރި. އެެހެންވީމާ އެ ރައްޔިތުންނަށް މި ކަމުގައި ދެއްވާނެ ޖަސްޓިފިކޭޝަނަކީ ކޮބައިތޯ؟" ތިން ވަނަ ސުވާލުގައި އާދަމް ޝަރީފު އެއްސެވި އެވެ.
ނަމަވެސް އަސްލަމް ވިދާޅުވީ މިއަދުގެ ޖަވާބުތައް އޭނާ ހާއްސަ ކުރައްވާފައި ވަނީ ފެނާއި ނަރުދަމާއާ ބެހޭ ސުވާލުތަކަށް ކަމަށެވެ.
"އެހެން އިއްޒަތްތެރި މެމްބަރުންނަށް ވެސް ހަމަ އިންސާފުވެރިވުމަށްޓަކައި އިއްޒަތްތެރި މެމްބަރު [އާދަމް ޝަރީފު] ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް މިއަދަކު ނާރުވާނަން މި ތަނަކު،" އަސްލަމް ވިދާޅުވި އެވެ.
ގުޅޭ ސުވާލުކުރުމަށް މިއަދު ހުޅުވައިލި ފުރުސަތުގައި މެމްބަރުން ކުރެއްވި އެހެން ސުވާލުތަކަށް ޖަވާބު ނުދެއްވުނު ސަބަބާ ބެހޭ ގޮތުން ވެސް މިނިސްޓަރު ތަފުސީލުކޮށް ވާހަަކަ ދެއްކެވި އެވެ. ވިދާޅުވީ މަޖިލީހުގައި މީގެ ކުރިން އޭނާއާ ސުވާލު ކުރެއްވި ދުވަސް ދުވަހު، ހުރިހާ ސުވާާލަކަށް ޖަވާބު ދެއްވަމުން ގެންދަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދު ވަޑައިގަތީ އެ ވަރަށް ތައްޔާރުވެވަަޑައިނުގެން ކަމަށެވެ.
"އަޅުގަނޑާ މިއަދު ކުރެވުނު ސުވާލަކީ ވަރަށް ކުރިން ކުރެވުނު ސުވާލެއް. [އެކަމަކު] އިއްޔެ މެންދުރުފަހު އަޅުގަނޑަށް އެނގުނީ މިއަދުގެ ޖަލްސާ އަށް އަޅުގަނޑުގެ މި ސުވާލު ތާވަލުވެފައި އޮތްކަން. އެހެންވީމާ އަޅުގަނޑަކަށް، އެހެން ކަންތައްތައް [ތާވަލު ކުރި ސުވާލު ފިޔަވައި އެހެން ކަންތައްތައް] ބަލައިލާފައި އެ މައުލޫމާތު އެކީގައި ގެންނާކަށް ވަގުތެއް ނުވި،" އަސްލަމް ވިދާޅުވި އެވެ.
އަލިފުށީގައި އެއާޕޯޓެއް ހަދަން ބަޖެޓްކޮށްފައި ނެތަސް އެ ރަށުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ވަނީ މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އަލިފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 451 މިލިޔަން ރުފިޔާ އަށެވެ.
ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ. ބިން ހިއްކާ ސަރަހައްދުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެނެ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަން ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ.
ރ. އަތޮޅުގައި މިހާރު އެއާޕޯޓު ހިންގަނީ އިފުރުގަ އެވެ.