ނަޝީދުގެ ރާގު ބަދަލުވެ، އަމާން ދެއްވީތަ؟
ނަޝީދުގެ ރާގު ބަދަލުވެ، އަމާން ދެއްވީތަ؟

މަހެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އޮތީ ރީއްޗަށް ދެފަަޅިވެފަ އެވެ. އެމްޑީޕީގައި އޭރު ވެސް މިހާރު ވެސް އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ.

ނަޝީދުގެ ރާގު ބަދަލުވެ، އަމާން ދެއްވީތަ؟
ނަޝީދުގެ ރާގު ބަދަލުވެ، އަމާން ދެއްވީތަ؟

ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަަމަލާ އަށް ފަހު ދެ ލީޑަރުންގެ ސަޕޯޓަރުންގެ ފަރާތުން ފުރަތަމަ ފެންނަން ފެށި ދެކޮޅުވެރިކަން ރަނގަޅަށް ފާޅުވީ ޖުލައި 12 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖަކުންނެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ސިޔާސީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ހުންނެވެން ނެތް ކަމަށެވެ. އެމަނިކުފާނު އޭރު ސާފުކޮށް ވިދާޅުވީ އިދިކޮޅު ޕީޕީއެމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެހީތެރިކަން ހޯއްދަވަން ޖެހިވަޑައިގަންނަވާ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

ރައީސާ ސިޔާސީ ގޮތުން ފިކުރު ތަފާތު ކަމަށް ވެސް ސާފުކޮށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފެށްޓެވުމަށް ގޮވާލައި ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ޓަކައި ސޮއި ހޯދުމުގެ މަސައްކަތް ނަޝީދުގެ ސަޕޯޓަރުން ފެށީ އޭގެ ކުޑަދުވަސްކޮޅެއް ފަހުންނެވެ. އެ މަސައްކަތް ފެށުމާއި ނަޝީދުގެ ސަޕޯޓަރުން ގެންދިޔައީ ސީދާ ގޮތެއްގައި ރައީސަށް ފާޑު ވެސް ކިޔަމުންނެވެ.

ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރަން ފެށުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ސޮއި ނުލިބުމުން ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ތުހުމަތުކުރެއްވި ގޮތުގައި އެއީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުއްވުމުގެ ނަތީޖާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އޭރު ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ މަަޖިލީހުގެ ބައެއް މެމްބަރުން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިނުކުރައްވައި މަޑުކުރައްވައިގެން ތިއްބެވީ އެބޭފުޅުންގެ ދާއިރާތަކުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސްދާނެތީ އެވެ.

ނަޝީދުގެ އަރިސް ބޭފުޅުންނެކޭ އެއްފަދައިން ރައީސްގެ އަރިސް ބޭފުޅުން ވެސް އޭރު ގެންދެވީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ނަޝީދު އިއްޔެ ބޭއްވެވި މީޑިއާ ބްރީފިން އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ސަބަބަކީ އެމްޑީޕީގެ ބައިބައިވުމަށް މިހާރު ވެފައި އޮތް ގޮތެއް ބަލަން މީހުން ބޭނުންވާތީ އެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ރައީސް އެއްބާރުލުން ނުދެއްވާތީ ނަޝީދު ވަރަށްް ބޮޑަށް ފާޑުވިދާޅުވާނެކަަމަށް ބެލެވުނު ނަމަވެސް އެމަނިކުފާނުގެ ރާގު މިހާރު ވަނީ މުޅިން ބަދަލުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގައި ބައިބައިވުމެއް އޮތް ކަމަށް ބެލެވޭ ބެލެވުމާ ގުޅުވައި ނޫސްވެރިން އިއްޔެ އެތައް ސުވާލެއް ކުރިމަތިކުރުމުން ވެސް އެމަނިކުފާނު ޖަވާބު ދެއްްވީ ވަރަށް ދުރުދުރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ވިދާޅުވުމަކީ ހަމަ ސާފުކޮށް، ސިޔާސީ ގޮތުން ދެއްވި ރައްދެއް ކަމަށް ވިޔަސްް ނަޝީދު އިއްޔެ އެކަން ވެސް ސިފަކުރެއްވީ ވަރަށް އާދައިގެ އާއްމު ވާހަކައެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ދެބޭފުޅުންނަށް ގެސް އެނގިވަޑައިގަންނަވާ އަދި އެކަން އޮންނަން ޖެހޭނެ ވެސް ގޮތް ކަަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެއްޗެއް ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެންނެވީ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ނިންމެވުން ބަދަލުކުރައްވައި، ރައީސާ އެކު ސިޔާސީ ގޮތުން އަލުން މަސައްކަތްކުރައްވަން ގަސްދުކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެ ސުވާލަކަށް ނަޝީދު މާ ސާފު ޖަވާބެއް ނުދެއްވަ އެވެ.

އެކަމަކު ނުސީދާ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ މައްސަލަ ޖެހުނީ އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލާ މެދު އަމަލުކުރި ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން މިހާރު ވަނީ ހައްލުވެފަ އެވެ.

"މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި އެ ބިލުގެ މަސައްކަތް މިހާރު އެ ދަނީ ރަނގަޅަށް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ދެ ބޭފުޅުންގެ ހިޔާލުތަފާތުވުން އެއަށް ވުރެ ބޮޑުކަން ގަބޫލުކޮށް، ދެ ބޭފުޅުން ސުލްހަކުރަން ޕާޓީގެ އެތެރޭން މަސައްކަތްކުރާ ކަން ވެސް ކުރިން އޮތީ ހާމަކޮށްފަ އެވެ. އެ މަސައްކަތް ކުރެއްވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް އެކަމާ އުޅުއްވި އެވެ.

އެކަމަކު އާޒިމް ރޭ "މިހާރު" އަށް ވިދާޅުވީ ހައްލުނުވާ ވަރުގެ ބޮޑު މައްސަލައެއް އެ ދެ ބޭފުޅުންގެ މެދުގައި ނެތް ކަމަށާއި، ހިޔާލުތަފާތުވުން އުފެދުމަކީ އެކުވެރިންގެ މެދުގައި ވެސް ހިނގާ ކަމެއް ކަަމަށެވެ.

"އެެހެންވީމާ ހަގީގަތުގައި އެއީ އަޅުގަނޑުމެން އެ ދެބޭފުޅުން ސުލްހަ ކުރަން މަސައްކަތްކޮށްގެން ވީ ކަމެކޭ ބުނާ ގޮތަކަށް ހިނގި ކަމެއް ނޫން."

ރައީސް އިބްރާހީމް މުހައްްމަދު ސޯލިހާ ދެމެދު އެެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކަވަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނު އެ ހުރީ މި ގޭމްގައި ބަލިވެފަ އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ރޭ ވިދާޅުވީ ސަރުކާރުގެ ބޭނުން ކުރައްވައިގެން ރައީސް ފޯރުއްވާ ނުފޫޒުގެ ސަބަބުން އެމްޑީޕީގެ ތެރެއިން ނަޝީދުގެ ކޮންޓްރޯލް ގެއްލުނީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެ ހެއްކެއް ކަަމަށް އޭނާ ދެއްކެވީ ބަރުލަމާނީ ޕެޓިޝަަނަށް މަޖިލީހުގެ ތެރެއިން ހޯއްދެެވުނު ސޮއިގެ މަދުކަމެވެ.

"އެންމެ 15 މެމްބަރުންގެ ސޮޔެއް ނޫންތޯ ލިބުނީ ބަރުލަމާނީ އަށް. އެހެންވީމާ ރައީސް ނަޝީދު މިހާރު އެ ހުންނެވީ ސައިޒް ކޮށްލައިފައޭ އަޅުގަނޑަށް ދެންނެވޭނީ،" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެތެރޭގައި އޮންނަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އިންތިހާބުކުރަން ނެގި ވޯޓުން ވެސް ނަޝީދަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެއީ ވެސް ސިޔާސީ ބޮޑު ބައްޔެއް ކަމަށް ބައެއް މީހުން ސިފަކުރެ އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުފޫޒު، އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ގަދަވެފައިވާ މިންވަރު ނަޝީދަށް ސާފުވީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އެމަނިކުފާނުގެ ރާގު އެހާ ބޮޑަށް ބަދަލުވީ އާދަމް ޝަރީފް ދެކެވަަޑައިގަންނަވާ ގޮތުގައި ސިޔާސީ ގޮތުން އިތުރަށް ބަލިކަށިވާން އެދިވަޑައިނުގަންނަވާތީ އެވެ.

"ރައީސް ނަޝީދަށް މިހާރު އެނގި ވަޑައިގަންނަވާނެ ދެކޮޅަށް އިތުރަށް މަސަައްކަތް ކުރައްވައިގެން ވާނެ މޮޅެއް ނެތްކަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ދެ މެމްބަރުން ވެސް ތުހުމަތުކުރެއްވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުފޫޒު އެމްޑީޕީގެ އިސް ސަފަށް ވަނީ ވަރަށް ބޮޑަށް ފޯރުއްވައިފަ އެވެ. އެހެންވީމާ ފަހަތަށް ޖެހިވަޑައިގެންނެވުން ނޫން ގޮތެއް ނަޝީދަށް މި ވަގުތު ނެތީ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެހެން ނަމަވެސް ވިދާޅުވީ ހައްލު ނުވާ ވަރުގެ މައްސަލައެއް ހަގީގަތުގައި ނުވެސް ޖެހޭ ކަމަށެވެ. އެމްޑީޕީއަކީ ތަސައްރުފު ފުދިފައިވާ ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ހިޔާލުތަފާތުވުމެއް އުފެދުނަސް ނުރޫޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުއްމީދުކުރާނެ އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދަން. އެހެން ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ. އެމްޑީޕީއަކީ މެޗުއާޑް ޕާޓީއެއް،" އާޒިމް ވިދާޅުވި އެވެ.

ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލުކުރަން މަސައްކަތް ކުރުމަކީ އެމްޑީޕީގެ ފިކުރެކެވެ. އެކަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ދެކޮޅު ނުހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވިއްޔާ އެމްޑީޕީން އެކީ އެކައްޗަކަށް ބަރުލަމާނީ އަށް މަސައްކަތް ނުކުރަނީ ކީއްވެ"ތޯ އާޒިމްއާ ރޭ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ވަގުތު އަދި ނުޖެހެނީ ކަމަށެވެެ. ވަގުތު ޖެހުމުން ޕާޓީން އެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެން ނިޒާމީ މަސައްކަތް މި ވަގުތަށް މަޑުޖައްސަވައިލެއްވީ ކަމަށް ވުން ވެސް އެކަށީގެން ވެ އެވެ. ނުވަތަ މިއީ ހަމަ ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއެއް، ގަބޫލުކުރެއްވުން ކަމަށް ވެސް ވެދާނެ އެވެ.