30 ނޮވެމްބަރ 2016 - 12:53

ބާސެލޯނާ (ނޮވެމްބަރު 30) – ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ ފިޓްވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.
ބާސެލޯނާގެ ނަތީޖާތައް ފަހަކަށް އައިސް ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މެދުތެރެއިން ޓީމު ލައްވައި ކުޅުވާނެ ކުޅުންތެރިޔަކު ނެތުމެވެ. މުހިއްމު މެޗަށް ތަޖުރިބާކާރު މިޑްފީލްޑަރު ފިޓްވުމަކީ ބާސެލޯނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
އުމުރުން 32 އަހަރުގެ ކުޅުންތެރިޔާގެ ލިގަމެންޓަށް މިދިޔަ މަހު ލިބުނު އަނިޔާއިން ސަލާމަތްވެ ހުކުރު ދުވަހު ވަނީ ޕްރެކްޓިހަށް ނުކުމެފަ އެވެ.
"އިނިއެސްޓާ ފިޓްވެއްޖެ. އޭނާ އެހެރީ ކުޅެން ތައްޔާރުވެފައި. އެކަމަކު ޑޮކްޓަރުންގެ ރަސްމީ ހުއްދައިގެ އިންތިޒާރުގައި އޭނާ އެހުރީ. އެއީ ހަމައެކަނި ރަސްމީ ބޭނުމެއްކޮށްލާ ކަމެއް. އޭނާ އަށް މި މެޗުގައި ކުޅެވޭނެ،" އެންރިކޭ ބުންޏެވެ.
ސްޕެނިޝް ކަޕުގައި މިރޭ ހާކިއުލަސްއާ ދެކޮޅަށް ކުޅޭ މެޗަށް އިނިއެސްޓާ ސަސްޕެންޑްވެފައިވާއިރު އެންރިކޭ ބުނީ އެހެން ނޫން ނަމަ މިރޭގެ މެޗުގެ ކޮންމެވެސް ހިސާބަކުން އޭނާ އަށް ފުރުސަތު ދޭނެ ކަމަށެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އޮތީ 27 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 33 ޕޮޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ހޮނިހިރު ދުވަހުގެރޭގެ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ އެ ޓީމަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
"އަހަރެމެން އެބަޖެހޭ އެއްވަރެއްގައި ކުޅުން ހިފަހައްޓަން. އެއީ ހަމައެކަނި ދިމާވާ މައްސަލައަކީ. އެ ނޫނީ ނެތް ކަންބޮޑުވުމެއް،" އެންރިކޭ ބުންޏެވެ.