ހިޔާ ފްލެޓުގައި ދިރިއުޅޭ ދަރިވަރުންނަށް ދަތުރުފަތުރު ހަމަޖައްސައި ދެނީ
ހިޔާ ފްލެޓުގައި ދިރިއުޅޭ ދަރިވަރުންނަށް ދަތުރުފަތުރު ހަމަޖައްސައި ދެނީ

ހިޔާ ފްލެޓް ލިބުމާ އެކު އެ ތަނަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ދަރިވަރުން ސްކޫލަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ހިޔާ ފްލެޓަށް ބަދަލުވުމާ ގުޅިގެން، މާލެ އިން އެ ފުލެޓަށް ނުވަތަ ފުލެޓުން މާލެ އަށް ދާން ޖެހޭ ދަރިވަރުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވާތީ، މިކަމަށް އެދެން ޖެހޭ ފޯމު ހުށަހެޅުމަށް ސްކޫލުތަކުން މިއަދު ވަނީ ބެލެނިވެރިންނަށް އަންގައިފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށާއި ފުރަތަމަ ފިޔަވަހިން މާލެ އަށް އަދި މާލެ އިން ހުޅުމާލޭގެ ސްކޫލުތަކަށް ދާން ޖެހޭ ދަރިވަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ގޫގުލް ފޯމު މެދުވެރިކޮށް، މާދަމާ މެންދުރު 1 ޖެހުމުގެ ކުރިން މިކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

ހިޔާ ފްލެޓްތައް ނިންމުމުގެ މަސައްކަތް އެ ތަންތަން ލިބުނު މީހުން މިހާރު އަންނަނީ ކުރަމުންނެވެ. ފިނިޝިންގެ މަސައްކަތް އެއްކޮށް ނިންމައި ބައެއް އާއިލާތަކުން މިހާރު ވަނީ އެތަނަށް ބަދަލުވެފަ އެވެ. އަދި ބައެއް ފްލެޓްތައް ކިރިޔާ ހަދާލެވޭ ވަރު ކޮށްލައިގެން ވެސް އާއިލާތައް ދިރިއުޅެމުން އެބަދެ އެވެ.

ހިޔާ ފުލެޓްގައި މީހުން ދިރިއުޅެން ފެށިއިރު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަދި ސްކޫލެއް ނުހުރެ އެވެ. އެ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތްކުރަން އެޑިއުކޭޝަނުން މިހާރު ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންނަ އަހަރުގެ މާޗަށް ނިންމަން ޖެހޭ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހޭ، އެ ފިޔަވަހީގެ ދެ ވަނަ ސްކޫލްގެ މަސައްކަތް 243 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް އާންމު ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ.