05 ސެޕްޓެމްބަރ 2021 - 14:24

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ލިބުނު ޒަހަމްތަކުގެ ދިޔަ [ބަދަލު] ނަގަން ބޭނުންވާ އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އަވަރާކޮށްލަން ހަމަލާ ދިނީ ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީ ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.
ހަމަލާގެ ފަހުން ނަޝީދު ދެއްވި ފުރަތަމަ ޕްރެސްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް ލިބުނު ޒަހަމްތަކުގެ ދިޔަ ހޯއްދަވަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ދިޔަ ނަގަން ބޭނުން. އަޅުގަނޑުގެ ވަކީލަށް ތިޔަ ކަންތަކާ ބެހޭގޮތުން ބޮޑަށް ސާފުވެވަޑައިގަންނަވާނީ،" ނަޝީދު ވިދާޅުވި އެވެ.
ދިޔަ ހޯދަން ދައުވާ ކުރުމަށް ބޭނުންވާ ލިޔުންތައް ލިބިއްޖެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެކަމަށް ބޭނުންވާ ލިޔުންތައް ޕީޖީ އޮފީހުން އަދި ފުލުހުން ވެސް ދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އެ ފަރާތްތަކުން ހުރަސްއަޅާނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، ދިޔަ ހޯދުމަށް ދައުވާ ކުރުމާ ބެހޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ނަޝީދުގެ ވަކީލު އަދި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ.
ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުއްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރު ވަންދެން އޮޕަރޭޝަން ކުރި އެވެ.
އޮޕަރޭޝަންތަކަށް ފަހު އޭޑީކޭގެ ޑޮކްޓަރުން ދެއްވި ޕްރެސް ކޮންފަރެންސްގައި ބުނި ގޮތުގައި އައިއީޑީ އަމާޒުވެފައި ވަނީ ނަޝީދުގެ ވާތްފަރާތަށެވެ. އައިއީޑީން އައި ބައެެއް އެތިކޮޅުތައް ހަށިގަނޑުގެ އެއްފަރާތުން ވަދެ އަނެއް ފަރާތުން ފޫގޮސްފައި ވެސް ވެ އެވެ. އަދި މުހިންމު ލޭހޮޅިތަކާއި ގުނަވަންތަކާ ދިމާލަށް ވެސް ވަދެފައިވާ ކަމަށް ބުންޏެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު މޭ 13 ގައި އިތުރު ފަރުވާ އަށް ނަޝީދު ޖަރުމަނަށް ވަޑައިގަތެވެ. އަދި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވަން އެ ގައުމަށް ވަޑައިގަތީ ޖުލައި އެއް ވަނަ ދުވަހު އެވެ. އަދިވެސް ހުންނެވީ އެ ގައުމުގަ އެވެ.
އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ލިބުނު ޒަހަމްތަކުގެ ސަބަބުން ކަނާތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި މިހާރު ހުންނަނީ އައްސި ވެފަ އެވެ. އަދި ވައަތު ކަންފަތުން އިވުމުގެ މައްސަލައެއް ވެސް މިހާރު ހުންނަ ކަމަށް ވިދާޅުވެފައިވެ އެވެ.
ހަމަލާ ދިން ކަމުގެ ތުހުމަތަށް ޕީޖީން ދައުވާކުރީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. ލ. ގަން ދުންފިނިއުފާ އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އަށް ފޮނުވި ނަމަވެސް ނިންމީ ހެކި ނެތުމުން ދައުވާ ނުކުރާށެވެ.
މައްސަލައިގައި ދެން ހިމެނޭ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.