ފިއްތުމެއް ނެތި ނިއުކްލިއާ މަޝްވަރާ އަށް ތައްޔާރު: އީރާން
ފިއްތުމެއް ނެތި ނިއުކްލިއާ މަޝްވަރާ އަށް ތައްޔާރު: އީރާން

ވަކި ޝަރުތެއްގެ މަތިން އީރާން އޮތީ، ހުޅަނގުގެ ގައުމުތަކާ އެކުގައި ނިއުކްލިއާ މަޝްވަރާތައް އަލުން ފަށަން ތައްޔާރަށް ކަމަށް އީރާންގެ ރައީސް އިބްރާހީމް ރައީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސީ ވިދާޅުވީ، 2015 ވަނަ އަހަރު އެމެރިކާއާ އެކުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، މަޝްވަރާ ކުރާނީ ހުޅަނގުގެ ފިއްތުންތަކެއް ނެތް ނަމަ ކަމަށެވެ. އަދި މަޝްވަރާތަކުގެ އާޚިރު ނަތީޖާއަކަށް ވާންވާނީ، އީރާނުގެ ރައްޔިތުންނަށް ދަތިކުރުމަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް އުވައިލުން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

"އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ، އީރާނަށް ފިއްތުންތައް ކުރިމަތި ކޮށްގެން މަޝްވަރާތައް ފަށަން. އަހަރެމެން މީގެ ކުރިން ވެސް ބުނެފައި ވާނެ، އަހަރެމެންގެ ސަރުކާރުގެ އެޖެންޑާއާ އެއްގޮތަށް މަޝްވަރާތައް ކުރާނެ ކަމަށް. އެކަމަކު އެއީ އެއްވެސް ފިއްތުމެއް އޮވެގެނެއް ނޫން،" އީރާނުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސީ ވިދާޅުވި އެވެ.

"މަޝްވަރާތައް ކުރެވޭނީ ވަކި މަސައްކަތު ތާވަލެއްގެ ދަށުން. މަޝްވަރާތަކުން އަހަރެމެން ހާސިލު ކުރަން ބޭނުންވާ ވަކި ލަނޑުދަނޑިއެއް ވެސް އެބައޮތް. ހަމައެކަނި މަޝްވަރާތަކެއް ކުރުމުގެ ނަމުގައި މަޝްވަރާ ކުރާކަށް އީރާން ބޭނުމެއް ނޫން. އަހަރެމެންގެ ލަނޑުދަނޑިއަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން. މަޝްވަރާތައް ކުރިއަށް ދާއިރު، އީރާންގެ މަސްލަހަތުތައް އެއްފަރާތެއް ނުކުރެވޭނެ."

ރައީސީ ވިދާޅުވި ގޮތުގައި ފިއްތުންތައް ކުރިމަތިކުރުމާއި ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ، މަޝްވަރާގެ އުސޫލުތަކާ ހިލާފު ކަންކަމެވެ.

އީރާން އޮތީ ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ކަމަށް، ރައީސީ މިވިދާޅުވީ، އީރާނުން މަޝްވަރާތައް ފަށާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ނުތިބެވޭނެ ކަމަށް، އީރާންގެ ކަންކަމާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު ރޮބަޓް މާލީ މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައިވަނިކޮށެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ މަޝްރޫއު ކުރިއަށް ގެންދާ އިރު، މަޝްވަރާތައް އަލުން ފަށާނެ ކަމަށް ބަލައިގެން، އަބަދު އިންތިޒާރުގައި އެމެރިކާއަކަށް ނޯވެވޭނެ އެވެ. އެގޮތަށް އިންތިޒާރުގައި އޮންނަން ވެއްޖެ ނަމަ، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރުމުގެ ބޭނުމެއް ނޯންނަ ހިސާބަށް ކަންތައް ހިނގައިދާނެ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރޮބަޓް މާލީ ވިދާޅުވި ގޮތުގައި އެމެރިކާ އިން އަދިވެސް އޮތީ ނިއުކްލިއާ މުއާހަދާގެ މަޝްވަރާތައް ފަށަން ތައްޔާރަށެވެ. ނަމަވެސް، އެ މަޝްވަރާތަކުން އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތް ނަމަ، އަލުން މަޝްވަރާތައް ނުފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2015 ގައި އެކުލަވައިލި މުއާހަދާ އަށް އަލުން އަމަލުކުރެވެން ނެތް ހާލަތަކަށް ކަންތައް ހިނގައްޖެ ނަމަ، ދެން ކަންތައް ކުރާނެ ގޮތްތަކެއް ވެސް އެމެރިކާ އިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެއީ އެ މުއާހަދާގެ 2030 ގައި މުއްދަތު ހަމަވާ އެ މުއާހަދާގެ ބަދަލުގައި، މުޅިން އާ މުއާހަދާއެއް އެކުލަވައިލުމެވެ.

އަދި އެކަމުގައި އެމެރިކާ އިން ވިސްނާ ދެ ވަނަ ގޮތަކީ، ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިންގެ އެއްބާރުލުން ހޯދައިގެން، އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީކޮށް، އޮސްޓްރިއާގެ ވިއެނާގައި ކުރަމުން އައި މަޝްވަރާތައް މެދުކެނޑުނީ، މިހާރުގެ ރައީސް އިބްރާހީމް ރައީސީ، އީރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ކައިރިވެފައި ވަނިކޮށް، ޖޫން 20، 2021 ގައި ބޭއްވި ބައްދަލުވުމާ ހަމައިންނެވެ. އޭރު އީރާންގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ، އިބްރާހީމް ރައީސީގެ ވެރިކަން ފެށުމަށް ފަހުގައި ނޫނީ، ނިއުކްލިއާ މަޝްރޫއުގެ ވާހަކަތައް އަލުން ނުފެށުމަށެވެ.

އިބްރާހީމް ރައީސީ އެކުލަވައިލެއްވި ކެބިނެޓްގެ އެންމެ ބޭފުޅަކަށް ނޫނީ، ހުރިހާ ވަޒީރުންނަށް، އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ ރުހުން ދީފަ އެވެ. އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހާ ގުޅިގެން، ރައީސް އިބްރާހީމީގެ ސަރުކާރަށް، ގާނޫނު ހަދާ މަޖިލީހުގައި އަންނަނީ ފާޑުކިޔުން އިތުރުވަމުންނެވެ. އެއީ އާ ކެބިނެޓްގައި ސުންނީ މަޒްހަބުގެ އެއްވެސް ބޭފުޅަކު އަދި އެންމެ އަންހެން ބޭފުޅަކު ވެސް ހިމަނާފައި ނުވާތީ އެވެ.