30 ނޮވެމްބަރ 2016 - 12:56

މެންޗެސްޓާ (ނޮވެމްބަރު 30) - އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ އާއި މަރުއާން ފެލައިނީ ތިބީ ސަސްޕެންޝަނުގަ އެވެ.
ލީގުގައި އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހުގެރޭ ވެސްޓް ހޭމް އާއި ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ފައުލެއް ހޯދަން ޑައިވް ކުރުމުން ޕޮގްބާ އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. ފެލައިނީ އަށް ވެސް ކާޑު ދެއްކީ އެ މެޗުގަ އެވެ. މިރޭގެ މެޗަށް މި ދެ ކުޅުންތެރިން ސަސްޕެންޑްވީ ލީގުގައި ކަޕް މެޗުތަކުގައި ފަސް ރީނދޫ ކާޑު ހަމަވުމުންނެވެ.
ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އެންޑަ ހެރޭރާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެންމެ ފަހުން ކުޅޭ މެޗު ހަނދާނުގައި ބަހައްޓާނެ ކަމަށެވެ.
"މިއީ ކުރިން މެޗުގެ ބަދަލު ހިފަން ލިބޭ ރަނގަޅު ފުރުސަތެއް. މިއީ ސީޒަން ބަދަލުކޮށްލަން ވެސް ލިބޭ ފުރުސަތެއް. އަހަރެމެންގެ ނަސީބު ދެރަ މެޗުތައް ގިނަ. ލީގު ކަޕް ސެމީ ފައިނަލުން ޖާގަ ލިބިއްޖެނަމަ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވާނެ،" ހެރާރާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ވެސްޓް ހޭމް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޔުނައިޓެޑް ކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑު ޖެހި ޑިއަފްރޭ ސަކޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެހެން ނަމަވެސް ސަސްޕެންޝަންގެ ސަބަބުން އެންމެ ފަހުން މެޗު ގެއްލުނު ޑިފެންޑަރު ވިންސްޓަން ރީޑް މިރޭ ކުޅޭނެ އެވެ.
ވެސްޓް ހޭމްގެ ކޯޗު ސަލަވެން ބިލިޗް ބުނީ މިއީ އެ ޓީމު ސީޒަންގެ މިހާތަނަށް ކުރި މަސައްކަތް ވަޒަންކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މިދިޔަ ސީޒަނުގައި އަހަރެެން ކުޅުނު ފެންވަރާ ގާތަށް ވެސް އަދި މި އަހަރު ނުދޭ. މި ސީޒަނުގައި އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނުނެރެވުން،" ކުރިން ވެސްޓް ހޭމް އަށް ކުޅުނު ބިލިޗް ބުންޏެވެ.
އެންމެ ފަހުން ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުމަކަށް ހިތްހަމަ ނުޖެހިގެން ފެންފުޅިއަކު ފައިން ޖެހުމުން މޮރީނިއޯ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އަދި އިނގިރޭސި އެފްއޭ އިން އެ މައްސަލައިގައި މޮރީނިއޯ އަށް އަދަބުދޭން ނިންމާފައިވާއިރު، އެކަމަށް ޖަވާބުދާރީވާން މާދަމާގެ ނިޔަލަށް ވަނީ ވަގުތު ދީފަ އެވެ. މިއީ މި ސީޒަނުގައި އެފްއޭ އިން މޮރީނިއޯ އަށް އަދަބުދޭ ތިން ވަނަ ފަހަރެވެ.
ވެސްޓް ހޭމް އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.