މުސާރަ އިން 172 މިލިއަން ޑޮލަރު ސަލާމަތްކޮށް ބާސާ ހިންދެމިލައިފި
މުސާރަ އިން 172 މިލިއަން ޑޮލަރު ސަލާމަތްކޮށް ބާސާ ހިންދެމިލައިފި

ބާސެލޯނާ (ސެޕްޓެމްބަރު 5) - ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި 100 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހޭދަ ކުރަމުން ދިޔަ ބާސާ އިން ވޭޖް ބިލުން 172 މިލިއަން ޑޮލަރު ސަލާމަތްކޮށްފި އެވެ.

ބާސާ އިން ވޭޖް ބިލްގެ ގޮތުގައި 671 މިލިއަން ޑޮލަރު ކުރިން ހޭދަކުރެ އެވެ. ކުރީގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފޯވަޑް އޮންޓޮއިން ގްރީޒަމަން އަދި ބައެއް އެހެން ކުޅުންތެރިން ދޫކޮށްލުމުގެ އިތުރަށް ސީނިއާ ބައެއް ކުޅުންތެރިން ކަމަށްވާ، ވައިސް ކެޕްޓަން ޖޯޑީ އަލްބާ އާއި ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ މުސާރަ ކުޑަ ކުރަން އެއްބަސްވެފަ އެވެ. މެންޗެސްޓާ ސިޓީ އަށް ބޮޑު މުސާރައިގައި ކުޅުނު ސާޖިއޯ އަގުއޭރޯ ބާސާ އަށް ބަދަލުވީ ވެސް އޭރު އޭނާ އަށް ލިބެމުން ދިޔަ މުސާރަ އަށް ވުރެ ކުޑަ މުސާރައަކަށެވެ.

ބާސާއިން މިހާރު މުސާރަ އަށް ހޭދަ ކުރަނީ 499 މިލިއަން ޑޮލަރެވެ. މުސާރަ އިން ސަލާމަތް ކުރި 30 ޕަސެންޓަކީ ބާސާ އަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ކޮވިޑް-19 ގެ ހާލަތު ކުރިމަތިވުމުގެ ކުރިން ދުނިޔޭގެ އެންމެ މުއްސަނދި ކްލަބުގެ މާގަމަށް ބާސާ ވާސިލުވި އެވެ. ކޮވިޑާ އެކު ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުންނާއި ކްލަބުގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ނެގި ބައެއް ފިޔަވަޅުތަކުން ކްލަބު އޮތީ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ.

މިހާރުގެ ރައީސް ޔޮއާން ލަޕޯޓާއާ ހަވާލުވީ ބަނގުރޫޓް ވާން ކައިރިވެފައިވާ ކްލަބެކެވެ. ވޭޖް ބިލުން ބޮޑު ބައެއް ސަލާމަތް ކުރި ނަމަވެސް ބާސާ އަށް މިހާރު ކުރިމަތިވެފައި ވަނީ އެހެން މައްސަލައެކެވެ. އެއީ ސްކޮޑްގައި "ބާރު" ނެތުމެވެ.