30 ނޮވެމްބަރ 2016 - 13:18

ސައިރިކްސް ކޮލެޖަށް 23 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ކޮލެޖުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޓެކްނޮލޮޖީ އެންމެންނަށް" ޕްރޮގްރާމްގެ ދެވަނަ ވޯކްޝޮޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކޮލެޖުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިލޭ ހިންގާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5-10 އަށެވެ.
މި ފަހަރުގެ ވޯކްޝޮޕް، "އަވާ އޮފް ކޯޑް"ގައި ކިޔަވައި ދޭނީ ކޮމްޕިއުޓާ ސައިންސާ ބެހޭ ގޮތުން ކަމަށް ސައިރިކްސްގެ ޑިރެކްޓާ ޖެނެރަލް، އެކަޑެމިކް އެފެއާޒް އަލީ ޝަމްއާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ވޯކްޝޮޕް ކުރިއަށް ގެންދާނީ ތިން އުމުރުފުރައަކަށް ބަހާލައިގެން ކަމަށެވެ.
"މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ. އެ ގޮތުން، ގްރޭޑް ތިނަކުން ފަހަކާއި ގްރޭޑް ހަޔަކުން އަށަކާއި ގްރޭޑް ނުވައަކުން މަތި އަދި ބޮޑެތި މީހުންނަށް ވަކިން ކްލާސްތައް ބާއްވަން ވަނީ ހަމަޖެހިފައި،" ޝަމްއާން ވިދާޅުވި އެވެ.
މި ވޯކްޝޮޕުގައި ކޮންމެ ކްލާހެއްގައި ގާތްގަނޑަކަށް 25 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓެކްނޮލޮޖީ އެންމެންނަށް" ޕްރޮގްރާމްގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ ކޮލެޖުން ވަނީ ވޯކްޝޮޕެއް ބާއްވައިފަ އެވެ. ޓެކްނޮލޮޖީ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި މި ވޯކްޝޮޕުގައި 30 ދަރިވަރުން ބައިވެރިވި އެވެ. އެ ވޯކްޝޮޕުގެ ބައިވެރިންނަށް އިންޓަނެޓާއި ސޯޝަލް މީޑިއާއާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، ޓްރެވަލް ޑޮކިއުމަންޓް ފަދަ މުހިންމު ތަކެތި ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް ކިޔައިދިނެވެ.