މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް އިތުރަށް ޖަމާވި ބޮޑު ބައެއް ހޯދިއްޖެ: ފިނޭންސް
މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް އިތުރަށް ޖަމާވި ބޮޑު ބައެއް ހޯދިއްޖެ: ފިނޭންސް

މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް އިތުރަށް ޖަމާވި ބޮޑު ބައެއް މިހާރު ހޯދިފައިވާ ކަމަށާއި މަސައްކަތް ކުރަމުން ދަނީ މި ހަފުތާގެ ތެރޭގައި އެކަން އެއްކޮށް ނިންމާލެވޭތޯ ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި މުސާރަ ޖަމާވިއިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1،800 އެއްހާ މުވައްޒަފުންގެ މުސާރައިގައި މައްސަލަތަކެއް ދިމާވި އެވެ. ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވިއިރު އަނެއް ބައި މުވައްޒަފުންނަށް މަދުން މުސާރަ ޖަމާވެފައި ވެ އެވެ.

އެއީ ފަސް އަތޮޅެއްގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އިތުރަށް މުސާރަ ޖަމާވި ގިނަ މުވައްޒަފުންގެ އަތުން އެ ފައިސާ ހޯދާފައިވާ ކަމަށެވެ. އަދި މަދުން މުސާރަ ޖަމާވި މުވައްޒަފުންގެ ކަންކަން ވެސް މި ހަފުތާގެ ތެރޭގައި ހަމައަކަށް އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އޮފީސްތަކުގެ އެއްބާރުލުން ލިބޭ މި މަސައްކަތުގައި. މި ހަފުތާ ނިމުމުގެ ކުރިން މިކަން ހަމައަށް އެޅުވުމަށް ޓާގެޓުކޮށް ބާރު ސްޕީޑުގައި މި މަސައްކަތްކުރަނީ،" ފިނޭންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ މުސާރައިގައި މައްސަލަ ދިމާވީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް މުސަރައާ ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށް ބުންޏެވެ.