05 ސެޕްޓެމްބަރ 2021 - 11:35

ރ. ފުއްގިރީގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ އެކު ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގުރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓެމެންޓުގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާއިރު، ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.
މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ހެނދުނު 9:00 އަށް ތާވަލު ކުރި ނަމަވެސް، އަޑުއެހުން ފެށުނީ 10:30 އެހާކަންހާއިރެވެ. އޮންލައިންކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރާ ދެ މާލަމެއް ގުޅުވާލައިގެން ބޭއްވި އަޑުއެހުމުގައި ބައެއް ވަކީލުންގެ އަޑުއިވުމުގައި ވެސް މައްސަލަތަކެއް ދިމާވި އެވެ.
އިސް ގާޒީ ޝަކީލް މިއަދު ނިންމެވީ ޔާމީންގެ ބައިގައި ހުށަހަޅާފައި ހުރި ހެކިތަކަށް ބަލާފައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށެވެ.
އެގޮތުން، ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމެންޓްގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން މި މަހުގެ 16 ވަނަ ދުވަހުގެ އެކި ގަޑިތަކަށް ވެސް މިއަދު ތާވަލު ކުރެއްވި އެވެ. އެއީ ރިޒާގެ ބައި 9:00 އަށް، ސަން ކޮންސްޓްރަކްޝަންގެ ބައި 10:00 އަށް އަދި ސަން އިންވެސްޓްމެންޓުގެ ބައި 11:00 އަށެވެ.
ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ، ކްރިކް ރިޒާގެ މައްސަލައިގައި ދެ ފަރާތުން ވެސް ގިނަ ހުށަހެޅުންތަކެއް ހުރުމުން އެއް ގަޑިއިރު ތެރޭގައި އަޑުއެހުން ނިންމާނުލެވިދާނެ ކަމެވެ. ކްރިކް ރިޒާގެ ވަކީލު ވެސް ވަނީ ޝެޑިއުލް ކުރުމުގެ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ޝަކީލް ވިދާޅުވީ، އަޑުއެހުންތަކުގެ ގަޑިތަކުގައި ފުށުއެރުންތަކެއް ހުރި ނަމަ އިދާރީ މޭޒާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަށެވެ.
މިއަދު އެބައިތައް ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ތާވަލު ކުރެއްވީ ޝަކީލް ވިދާޅުވި، ގޮތުގައި އަޑުއެހުން ނުބޭއްވި ގިނަ އިރުތަކެއް ބޭކާރުވެގެން ދިޔުމުންނެވެ. އަޑުއެހުން ލަސްވިކަމަށް ޓަކައި އޭނާ ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަތެވެ.
ޝަކީލް ވިދާޅުވި ގޮތުގައި އަޑުއެހުން ނުފެށި ލަސްވީ، މިއަދު ހެނދުނު ދިފާއީ ބައެއް ވަކީލުން މައްސަލަ އަށް ތަނާޒުލްވެ، އައްޔަން ވުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން، ޓެކްނިކަލް ބައެއް މައްސަލަތަކެއް ވެސް ދިމާވެގެންނެވެ.
މި މައްސަލައިގައި މީގެ ކުރިން ޔާމީންގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެމަނިކުފާނުގެ ފަރާތުން ވަނީ ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް އެދުމުގެ އިތުރުން އެހެން ހުށަހެޅުންތަކެއް ވެސް ހުށަހަޅައިފަ އެވެ.
މީގެ ކުރިން އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައް ބޭއްވީ ވަކިވަކިންނެވެ. ނަމަވެސް، ޝަރީއަތުގެ ކުރިން ހުށަހެޅުނު ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނީ ހުރިހާ ފަރާތްތަކެއްގެ އެއް ހާޒިރެއްގަ އެވެ.
ނަމަވެސް، މިއަދުގެ ތަޖުރިބާއަށް ބަލައި، ޔާމީން ފިޔަވައި ދެން ތިބި ފަރާާތްތަކުގެ ބައި ކުރިއަށްގެންދާނީ ވަކިން ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ. ހުކުމް ދެމި އޮތަސް އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ބުނެ އެވެ.
މި މައްސަލަތަކުގެ އިތުރުން ވ. އާރަށް ދޫކުރި މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ޔާމީނަށް ކުރެވެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.