05 ސެޕްޓެމްބަރ 2021 - 07:41

ބުދަ ދުވަހާ ގުޅޭ
އޭނަގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އެއީ ހޮސްޕިޓަލެއް ނުވަތަ ކުލިނިކެއް ވެސް ނޫނެވެ.
ނަޖާތު ކުށް ކުރިކަމަށް ދެކޭ މީހުންނާއި ނުދެކޭ މީހުން ދާދި ހަމަހަމައެވެ. ގިނަ ބަޔަކު ދުށް ގޮތުގައި އެއީ ސަރުކާރުން ހެދި އުކުޅެކެވެ. އޭގެ ފަހަތުގައި ސަބަބެއް ނޯވެއެއް ނުދާނެއެވެ. އެއަށް ވުރެ މާ ކުދިކުދި މައްސަލަތައް ސަރުކާރު ބޭނުން ގޮތަކަށް އަނބުރައިލެވުނު އިރު، އެ މައްސަލަޔާ ނުކުޅެވޭންވީ ކީއްވެގެން ހެއްޔެވެ؟ އެހެން ދެކޭ މީހުންނަށް ވެސް ނޭނގޭ ކަމެއް އޮތެވެ. ނަޖާތު ކުށްވެރިވެގެން މައްސަލަ ނިމުމުން ސަރުކާރަށް ވާނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ނަޖާތަކީ ރިޔާސީ އިންތިހާބުގައި ސަރުކާރަށް އޮތް އެންމެ ވަރުގަދަ އުންމީދެވެ.
މައްސަލަ ކޮޅެއްގައި ޖެހުނެވެ. ޖޫރިމަނާ ދެއްކުމަށް ފަހު ޖަލު ހުކުމުން ނަޖާތު ސަލާމަތްވިއެވެ. ނަޖާތު އުންމީދުކޮށްގެން ހުރީ، ސަރުކާރުގެ ނުފޫޒު ގަދަ މަގާމެއް އަނެއްކާ ވެސް ނަޖާތަށް ހަވާލުކުރާނެކަމަށެވެ. އެހެނެއް ނުވިއެވެ. އޭގެ ބަދަލުގައި ނަޖާތަށް ފެނުނީ ސިޔާސީ މަތިފަޑީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ނަޖާތާ ދުރަށްޖެހިލި ތަނެވެ. އެއިން މީހަކު ގުޅައިނުލާ ތާނގައި، ނަޖާތު ގުޅިޔަސް ވާހަކަދައްކަން ވަގުތު އޮންނަކަމަކަށް ނުވެއެވެ. މެސެޖެއް ފޮނުވައިފިއްޔާ ޖަވާބު ފޮނުވައެވެ. އޮންނަނީ، ދެވޭނެ އެންމެ ކުރު ޖަވާބެވެ. ވެގެން އުޅޭ ގޮތެއް ނަޖާތަކަށް ނުވިސްނުނެވެ. ނަޖާތަކީ، ލިބުނު ހުރިހައި ވަގުތެއް ޕާޓީއަށް ހުސްކުރި، ތެދުވެރި މީހެކެވެ. ކޮރަޕްޝަންގެ ތުހުމަތަކީ ބުހުތާނެކެވެ.
ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރަން ނަޖާތު ބޭނުންވިއެވެ. އޮންނަ ރަސްމީ އުސޫލުންނެވެ. އެކަމަކު ދުވަހަކު މިވާދެއް ހަމައެއް ނުޖެހުނެވެ. އެއީ ނަޖާތަށް ވަރަށް އަސަރުކުރި ކަމެކެވެ. މުންސިރު ގާތުގައި އެ ވާހަކަދެއްކުމުން މުންސިރު ދިނީ ނަޖާތު ހީނުކުރާ ކަހަލަ ޖަވާބެކެވެ.
"މިހާރު އަހަންނަށް ފެންނަނީ ނަޖާތު ޕޮލިޓިކްސްއާ ދުރަށް ދާން،" މުންސިރު ލަފާދިނެވެ. "އަހަރެން އެހެން މި ބުނީ ކީއްވެގެންކަން ނޭހިއްޔާ ރަނގަޅުވާނީ. އަހައިފިއްޔާ އަހަރެންނަށް ބުނެވޭނެ. އޭރުން ނަޖާތު މާ ދެރަވާނެ. އަހަރުމެން އަތުގަ ލާރި ނެތީކީ ނޫން. ބާރު ނެތީކީ ނޫން."
"މުންސިރަށް އެނގޭނެ އަހަންނަކީ މުސާރައަށް އުޅޭ މީހެއް ނޫންކަން. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމެއްގަ އަހަރެން ބައްދައިލި އިރު، ތާމިރު ކީއްވާނީ ގުޅާލަން؟" ނަޖާތު ބުންޏެވެ. "މައްސަލަ ކޯޓަށް ވައްދަން ބޭނުންވީ ވެސް ތާމިރު. އެހެންވެ އަހަރެން އެއްބަސްވީ ވެސް. ނާއިންސާފުން އަހަންނަށް ހުކުމެއް އިއްވީމަ ވެސް އެ ފައިސާ ދައްކައިފިން. ޝަކުވާއެއް ނުކުރަން. ޕާޓީއަށް ޓަކާ! ސަރުކާރު ހިމާޔަތްކުރުމަށް ޓަކާ! އެކަމަކު އަދި ނުވޭ ދޯ އަހަރެން މަތިން ހަނދާންނައްތާލާކަށް."
"އަހަރެން ބުނަން އޮތީ ކުރިން ވެސް ބުނި އެތި،" މުންސިރު ދެވަނަ ފަހަރަށް ބުންޏެވެ. "ނަޖާތުގެ ޕޮލިޓިކަލް ކެރިއަރ މި ހިސާބުން ނިންމާލާ! އެހެންނޫނީ މީތި ވަރަށް ގޯސްވެދާނެ."
މުންސިރުގެ ބަސްއަހަން ނަޖާތު ތައްޔާރެވެ. ހުރިހާ އުންމީދު ފެނަށްދިޔަސް، މީހުންގެ މަލާމާތްލިބުނަސް ނަޖާތަށް ކެތްކުރެވިދާނެއެވެ. އެކަމަކު ނަޖާތާއި ރައީސް ތާމިރާ ދެމެދުގައި އޮތް އިތުބާރުގެ ގުޅުމަށް ބުރޫއެރީ ކީއްވެގެން ހެއްޔެވެ؟ ނަޖާތަށް ކުރެވުނު ކުށަކީ ކޮބައި ހެއްޔެވެ؟ ނަޖާތަށް އޭގެ ޖަވާބު ލިބެން ޖެހޭނެއެވެ. އެންމެ ފަހުން މަގު ކުރުކޮށްލައިފައި، ސީދާ ރައީސަށް މެސެޖެއް ފޮނުވިއެވެ. މިވާދަކަށް އެދިއެވެ. މިނެޓެއް ތެރޭގައި ރައީސްގެ ޖަވާބު ލިބުނެވެ.
"އެގާރަ ޖަހާ އިރު ރައީސް އޮފީހަށް ދުރުވޭ!" ކުރު ޖަވާބުގައި އޮތެވެ.
ނަޖާތު ހައިރާންވިއެވެ. ރަސްމީ ޗެނަލުން ނަޖާތަށް މިވާދެއް ހަމަނުޖެހުނީ ކީއްވެގެން ހެއްޔެވެ؟ ސީދާކޮށް ގުޅީމައި ވަގުތުން ހަމަޖެހުނީ ކީއްވެގެން ހެއްޔެވެ؟ ގަޑި ބަލައިލި އިރު އެގާރަ ޖަހަން އޮތީ ސާޅީހަކަށް މިނެޓެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ނަޖާތު ރައީސް އޮފީހަށް ދިޔައެވެ. އިންތިޒާރު ކޮޓަރީގައި މަޑުކޮށްލައިގެން އިން ވަގުތު އަދުހަމް ވަނެވެ. އަދުހަމަކީ މަޖިލީސް މެންބަރެކެވެ. ނަޖާތަށް ހެޔޮއެދޭކަމަށް ނަޖާތަށް ކަށަވަރުކުރެވޭ މަދު މީހުންގެ ތެރެއިން އެކަކެވެ. ހާލުއަހުވާލާއި، ޕާޓީގެ ވާހަކަތަކާއި، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް އަދުހަމް ވާހަކަ މެދުކަނޑައިލިއެވެ.
"އަހަރެން މީ ނަޖާތު ނަމަ މި ތާކަށް ނާންނާނަން. ތާމިރާ މީޓެއް ވެސް ނުކުރާނަން،" ބުނަން ނުބުނަން ކަހަލަ ގޮތަކަށް އަދުހަމް ބުންޏެވެ. "މި ދަނޑިވަޅު ނަޖާތަށް އަހަރެން ދޭންވާނީ ހިތްވަރު. އެކަމަކު އަހަންނަކީ ދޮގުހަދާ މީހެއް ނޫން. އުލުބޭންދިޔަސް އަހަރެން ބުނާނީ ކަން އޮތް ގޮތަށް. ނަޖާތު މިހާރު މީޓްކުރަން ތި ދަނީ ކުރީގެ ރައީސްއަކާ ނޫން."
ސުވާލެއް ކުރަން ނަޖާތު އަނގަ ހުޅުވައިލި ވަގުތު ނަޖާތު ބަލާ މީހަކު އައެވެ. މިވާދުގެ ވަގުތު ޖެހުނީއެވެ.
"ބެސްޓް އޮފް ލަކް." އަދުހަމް ބުންޏެވެ.
އަދުހަމް ބުނި އެއްޗަކާ މެދު ވިސްނަމުން ނަޖާތު ގޮސް ރައީސް ތާމިރާ ބައްދަލުކުރިއެވެ. ތާމިރުގެ މޫނުމަތިން ނަޖާތަށް ފެނުނީ އުފާވެރިކަމާއި އެކުވެރިކަމެވެ.
"ބިޒީކަމުން ގުޅާ ވެސް ނުލެވި މި ދިޔައީ،" ރައީސް ތާމިރު ވިދާޅުވިއެވެ. "ވަރަށް ބޮޑަށް ސޮރީ! ކޮން ކަމަކާ ތި އައީ؟"
ނަޖާތު އައީ ކީއްކުރަންކަން ރައީސަށް އެނގިވަޑައިނުގަތުމަކީ ނަޖާތަށް ލިބުނު ފުރަތަމަ ހައިރާންކަމެވެ. ރައީސް ތާމިރަކީ އެހާ މާސޫމު، ދުރު ވިސްނިވަޑައިނުގަންނަވާ ބޭފުޅެއް ހެއްޔެވެ؟
"އަޅުގަނޑު ނުވެސް ކުރާ ކުށެއްގަ ބެދުނީ ކީއްވެގެންތޯ؟" ނަޖާތު ބުންޏެވެ. "ދައުލަތުގެ ވަކީލު ކީއްވެގެންތޯ އަޅުގަނޑު ހިމާޔަތްނުކުރީ؟ ކޮބައިތޯ އަދުލުއިންސާފު؟"
"އަޅުގަނޑު ވެސް ތި ކަމާ ވަރަށް ހައިރާންވެފަ މިހިރީ،" ތާމިރު ވިދާޅުވިއެވެ. "އެ ޝަރީއަތަކީ ނަޖާތު ކްލިއަރކުރަން ހިންގި ޝަރީއަތެއް. ހަރުދަނާ ހެތްކެއް ވެސް ނެތް. އެކަމަކު ދެން އެ ކަމާ ހާސްވާނެކަމެއް ނެތް. އެ ފައިސާ އަނބުރައި ލިބޭނެ."
ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި ނަޖާތު އިރުކޮޅަކު އިންނަން ޖެހުނެވެ. ހިތަށްއެރިއެވެ. އަދުހަމް ބުނީ ތެދެކެވެ. ނަޖާތު ދަންނަ ރައީސް ތާމިރު ކޮބައި ހެއްޔެވެ؟
"އަޅުގަނޑަށް މައްސަލައަކީ ފައިސާއެއް ނޫނޭ ތާމިރު!" ނަޖާތު ހިތްހަމަނުޖެހިފައި ބުންޏެވެ. "ރެޕިއުޓޭޝަން. ސްޓޭޓަސް. ކޮބައިތޯ އަޅުގަނޑުގެ ޖޮބް؟"
"ހަމަޖެހޭނެ ހަމަޖެހޭނެ! ހުރިހައިކަމެއް ވެސް ހަމަޖެހޭނެ!" ވަރަށް ޔަގީންކަމާ އެކުގައި ތާމިރު ވިދާޅުވިއެވެ. "މިރޭ އިވެންޓަށް ދުރުވަންވާނެ ނޫންތޯ! އަޅުގަނޑުގެ ޅެން ފޮތް މިރޭ ނުކުންނާނެ. ކޮންމެހެން ވެސް އޭގެ ކޮޕީއެއް ވާނެ..."
"އަޅުގަނޑު މި ދައްކަނީ އަޅުގަނޑުގެ އަބުރާ ފަލީހަތުގެ ވާހަކަ،" ކުރިޔަށް ވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ނަޖާތު ބުންޏެވެ. "މަނިކުފާނަށް މުހިންމީ ޅެމާ، ރައިވަރާ، ފަރިހި ތޯ؟"
ނަޖާތުގެ ރާގު ބަދަލުކޮށްލިލެއް ބޮޑުކަމުން ރައީސް ތާމިރަށް އޭގެ ހޫނު އިހުސާސްކުރެއްވުނެވެ. މޫނުފުޅުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
"ތި ގޮތަށް ވާހަކަދެއްކުމުގެ ކުރިން ވިސްނާލައްވަން ވާނެ ދެއްތޯ ކުރިމަތީގަ މިއިނީ ކާކުކަން؟" ތާމިރު ވިދާޅުވިއެވެ.
ނަޖާތު މަޑުމަޑުން ތެދުވިއެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް އެ ތާ އިންނާކަށް ނަޖާތު ބޭނުމެއް ނޫނެވެ.
"އަޅުގަނޑު ވެސް މި ވިސްނަނީ ތި ކަމާއޭ!" ނަޖާތު ޖަވާބުދިނެވެ. "އަޅުގަނޑަކަށް ނޭނގެ ތީ ކާކުކަމެއް."
ދެފަޔަށް ބާރުލައިފައި ހިނގައިގަތް ގޮތަށް ނަޖާތަށް މަޑުޖެހިލެވުނީ ރައީސް އޮފީހުން ބޭރަށް ނުކުމެފައެވެ. ވީ ފޫއްސާއި، ވީ ދެރަޔައާއި، އައި ރުޅިން ނަޖާތު ޖެހުނީ، އިރުކޮޅަކު ފާރު ކައިރީގައި ހުއްޓިގެން ހުންނާށެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ނަޖާތުގެ ބޮލުގަ އެޅުވުނު ތުހުމަތަކީ، ސަރުކާރުން ނަޖާތު އެއްފަރާތްކޮށްލަން ކުރި ކަމެއްހެން ނަޖާތަށް ވަރަށް ހީވިއެވެ. އެހެނަސް، އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ރައީސް ތާމިރުގެ ޅެންފޮތް ނެރުމުގެ ހަފުލާގައި ނަޖާތު ބައިވެރިއެއް ނުވެއެވެ. އެ ހަފުލާ ވަގުތުން ދުރަށް ދެއްކިއެވެ. ނަޖާތާއި މުންސިރު ވެސް ތިބީ ޓީވީ ބަލަން ގޭގެ ބޮޑުކޮޓަރީގެ ސޯފާގައެވެ. ފޮތް ނެރުމަށް ފަހު ތާމިރު ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮތެވެ. އެންމެނަށް ވެސް އަންގައިފައި އޮތީ، ފޮތާ ނުގުޅޭ އެއްވެސް ސުވާލެއް ނުކުރުމަށެވެ.
"އަންނަ އިންތިހާބުގަ ޕާޓީން ވީޕީއަކަށް ނެރުއްވަނީ ކޮން ބޭފުޅެއް ތޯ؟" ދަނޑިވަޅު ބަލައިފައި ނޫސްވެރިޔަކު ސުވާލުކުރިއެވެ. "ނަން ވިދާޅުނުވެވެންޏާ ހިންޓެއް ދެއްވަފާނަންތޯ؟"
"އަޅުގަނޑަށް މާ ކުރިން ވެސް އެނގޭ ތި ސުވާލު އަންނާނެކަން،" ތާމިރު ވިދާޅުވިއެވެ. "ޖަވާބު މިހާރު ވެސް ދެވިދާނެ. އެކަމަކު އަދި ހިންގަވާ ސަސްޕެންސް އޮތް ގޮތަށް ބާއްވަމާ ދެއްތޯ! ވަރަށް ގާބިލު، ވަރަށް ގާތް ބޭފުޅެއް ނުކުންނަވާނެ. ހިންޓެއް ދީފާނަން. ޔަގީނުން ވެސް އެއީ އަންހެން ބޭފުޅެއް."
"ކޮބާ ހީވޭ!" ޓީވީ ބަލަން އިން ނަޖާތަށް ބުނެވުނެވެ. "ދެން ކީއްވެގެންތަ އަހަރެން ވައިކަޓައިގެން މި އުޅެނީ؟"
މުންސިރު ބޭނުންވަނީ އެ ވާހަކަ ނުދައްކާށެވެ. ނަޖާތަށް ނޭނގޭ ކިތަންމެ އެއްޗެއް މުންސިރަށް އެނގިއްޖެއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލައިފައި ވެސް މުންސިރު ބޭރުކޮށްލީ ފުން ނޭވާއެކެވެ.
"ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ!" ނަޖާތު އެދުނެވެ. "އަހަރެންމީ ކުޑަކުއްޖެއް ނޫނެއްނު!"
"އޯކޭ! ރައީސް ކީކޭ އެ ވިދާޅުވީ؟ ބުނެބަލަ!" މުންސިރު ސުވާލުކުރިއެވެ.
"ވީޕީއަކީ އަހަރެންނޭނު އެ ވިދާޅުވީ!" ނަޖާތު ވަގުތުން ޖަވާބުދިނެވެ.
"އަންހެނެކޭ ވިދާޅުވީ!" މުންސިރު ރަނގަޅުކޮށްދިނެވެ. "ކުރިން އޮތީ ނަޖާތު ނެރޭ ގޮތަށް. މިހާރު އޮތީ މިޝްކާ ނެރޭ ގޮތަށް. އެއީ ވެގެން އުޅޭ ގޮތަކީ."
ނަޖާތަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ވަގުތުން ޓީވީ ނިއްވައިލިއެވެ.
"މާސްޓަރސް ނެހެދިގެން އައި މިޝްކާ؟" ނަޖާތު ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ. "އެ ކަހަލަ ގަމާރަކަށް ކާކު ވޯޓުދޭނީ؟"
"މީހާގެ ސެޓްފިކެޓަށް ބަލާފަތަ ރައްޔިތުން ވޯޓުދެނީ؟" މުންސިރު އެހިއެވެ. "އެޔެއް ވެސް ނޫން ސުވާލަކީ. މީހާޔަށްތަ ނޫނީ ޕާޓީއަށްތަ ވޯޓުދެނީ؟ އެ ބުނަނީ މަށަށް ވަރިހަމައޭ ބުޅަލެއް އޮތަސް އަހަރެން ވޯޓުދޭނީ އަހަރެންގެ ޕާޓީ ކެންޑިޑޭޓަށޭ! މީ ހިތި ހަގީގަތް. ސަރުކާރަކަށް މިހާރު ނަޖާތުގެ ބޭނުމެއް ނެތް. އެހެންވެ ބާކީކޮށްލީ! ނަޖާތަށް އެނގޭތަ ތި ލަނޑުދިނީ ކާކުކަން؟"
"ކާކު؟" ނަޖާތު އެހިއެވެ.
ނުނިމޭ