ހައްވައްތަގެ ނަސީބު އަތުގައި ހިފައިފި، ތަން ހަދައިދޭނެ ބަޔަކު ވެއްޖެ!
ހައްވައްތަގެ ނަސީބު އަތުގައި ހިފައިފި، ތަން ހަދައިދޭނެ ބަޔަކު ވެއްޖެ!

ކިރިޔާ އަށް ފޫޓު ހަމަވާ ކުޑަކުޑަ ކޮޓަރިއެއްގައި ދިރިއުޅެމުން އައި ހައްވާ އަލީ (ހައްވައްތަ) އަށް ހިޔާގެ ފްލެޓެއް ލިބުމާ އެކު އާ ދިރިއުޅުމެއް ލިބުނު ފަދަ އެވެ. އެ ފްލެޓަކީ، އަހަރުތަކެއް ވަންދެން އޭނާ އުފުލަމުން އައި ތަކުލީފުގެ ނިމުމެވެ. އެ ބޮޑު އުފަލުގައި ހައްވައްތަގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. "މިހާރު"ގެ "މެދުސަފުހާ" އަށް ދިން އިންޓަވިއުގައި ހައްވައްތަ ބުނެފައި ވަނީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ފްލެޓުގެ ފިނިޝިންގެ މަސައްކަތްތައް ނިންމައި އެތަނަށް ބަދަލުވުމުގެ ތަނަވަސްކަން އޭނާގެ ނެތް ކަމަށެވެ. އެކަމަކު މިހާރު އެކަން ވެސް އޭނާ އަށް ފަހިވެއްޖެ އެވެ؛

ހައްވައްތަ އަށް މި މަސައްކަތް ކޮށްދެނީ ކޮތަރު ކޮށި ޓީމުންނެވެ. ހިޔާ ފުލެޓް ލިބުނު މީހުންނަށް އެހީވާ ޖަމިއްޔާއެއް ކަމަށްވާ "އާންމުންގެ އެކުވެރި ގުޅުން"ގެ މި ޓީމުން އިއްޔެ ވަނީ އެ މަސައްކަތް ކޮށްދޭން އެއްބަސް ވެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ޓީމުން ހައްވައްތަ އަށް ކޮށްދޭ ކަންތައްތަކުގެ ތެރޭގައި އޭނާގެ ފްލެޓުގެ ދެ ކޮޓަރި އާއި ސިޓިންރޫމާއި ބެލްކަނީގައި މުށި ޖަހައިދިނުމާއި މިހާރު ބަދިގޭގައި އިން އަށި ތަޅާލުމަށް ފަހު، ސިންކާއި ހުޑް ހިމަނައިގެން ބަދިގޭގައި އެއް ފަރާތުގައި ކަބަޑު ސެޓު ޖަހައިދިނުމާއި މުޅި އެޕާޓްމަންޓުގައި ކުލަ ލައިދިނުމުގެ އިތުރުން 11 ބޮއްކާއި ތިން ފަންކާ ހަރުކޮށްދިނުން ހިމެނެ އެވެ.

ހައްވައްތަގެ އިތުރުން ހިޔާ ފުލެޓް ލިބުނު މީހުންގެ ތެރެއިން އަމިއްލަ އަށް ފިނިޝިން މަސައްކަތް ނިންމުމުގެ ތަނަވަސްކަން ނެތް އެހެން މީހުންނަށް ވެސް އެހީތެރިވާން އެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން 49 އަހަރުގެ ހައްވައްތަ އަންނަނީ ފްލެޓެއް ހޯދަން ފޯމު ހުށަހަޅަމުންނެވެ. އެ ކުރި މަސައްކަތުން އެއްވެސް ތަނެއްގައި ލައްވައި ނުލިޔަސް އޭނާގެ އަތުގައި ނަސީބު ހިފީ ހިޔާ މަޝްރޫއުއާ ހަމައިންނެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު މި ސަރުކާރުން އެކުލަވާލި ލިސްޓުގައި ހައްވައްތަ އަށް ފުރަތަމަ ލިބުނީ 29 މާކްސް އެވެ. ޝަކުވާ ފޯމުތައް ހުށަހަޅައިގެން، އެ ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި އޭނާގެ ނަން ފަހުން ހިމެނި އެވެ.

"ފްލެޓް ލިބުނުކަން އެނގުނު ދުވަސްވާނެ އަޅުގަނޑު ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް. ވަރަށް އުފާވި އެ ދުވަހު،" ކުރިން ދިން އިންޓަވިއުގައި ހައްވައްތަ ބުނެފައިވެ އެވެ.

މާލީ ތަނަވަސްކަން ދަށްވުމުން، ފްލެޓްގެ ފިނިޝިން މަސައްކަތް ނިންމާނެ ގޮތަކާ މެދު އޭނާ ކުރިން ހުރީ ވަރަށް ކަންބޮޑުވެފަ އެވެ.

"އަޅުގަނޑުމެންގެ ފެންވަރެއް ނޫން. އަޅުގަނޑަކަށް އެތަނެއް ނުހެދޭނެ. މަސައްކަތް ނުނިމުނަސް ތިން މަސް ފަހުން އަޅުގަނޑު ބަދަލުވާނަން،" ހައްވައްތަ ބުންޏެވެ.

"އަޅުގަނޑު މިހާރު ވިސްނައިގެން މި ހުރީ އެކަންތައްތައް ނުކުރެވުނަސް އެ ތާ ހަތަރު ފާރު އެބައިނެއްނު. އެހެންވީމަ އެތަނުގައި ބޯކަރުދާސް އަޅައިގެން ވެސް އަޅުގަނޑު ބޭނުންވަނީ ދާން. މިތަންކޮޅުގައި އުޅުމަށްވުރެ އަޅުގަނޑަށް މާ ފަސޭހަ މިތާ ބޭރު މަގުމަތި ވެސް."

ހިޔާ ފްލެޓްތައް ނިންމުމުގެ މަސައްކަތް އެ ތަންތަން ލިބުނު މީހުން މިހާރު އަންނަނީ ކުރަމުންނެވެ. ބައެއް ފްލެޓްތައް ވަރަށް ރީތިކޮށް ޑިޒައިންކޮށްގެން ބޮޑެތި ހޭދަކުރާ އިރު، ބައެއް ފްލެޓްތައް ވަރަށް އާދައިގެ ގޮތަކަށް ވެސް އަންނަނީ ހަދަމުންނެވެ. އަދި ބައެއް ފްލެޓްތައް ކިރިޔާ ހަދާލެވޭ ވަރު ކޮށްލައިގެން ވެސް ދިރިއުޅެމުން އެބަދެ އެވެ.