މަންދީ އަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މަންދީ އަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

އެމްޑީޕީ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަންދީ އަށް ހަމަލާ ދިނީ އެ އޮފީހުގައި މަސައްކަތްކުރާ މުހައްމަދު ޖަޒީލް ކިޔާ މުވައްޒަފެކެވެ. މަންދީގެ އިތުރުން އެ އޮފީހުުގެ އެހެން މުވައްޒަފަކަށް ވެސް އޭނާ އަނިޔާކުރި ކަމަށްވެ އެވެ.

އެ މާރާމާރީގައި ޗޭނުގަނޑަކުން ހަމަލާދިނުމުގެ ސަބަބުން މަންދީގެ ބޯ ފަޅައިގެން ގޮސް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.

އެ ހާދިސާ އަށް ފަހު މަންދީ ބުނެފައި ވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާ އަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދު ނުކުރަން އޭނާ އެދޭ ކަމަށް މަންދީ ބުންޏެވެ.

ނަމަވެސް ޖަޒީލް ބުނި ގޮތުގައި އޭނާ އެކަން ކުރީ އެމްޑީޕީގެ އޮފީސް ތެރޭގައި އޭނާ އަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން ބޮޑުވެގެންނެވެ.