30 ނޮވެމްބަރ 2016 - 11:51

އީގަލްސަށް ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ގޯލުގެ ހަނދާން ދުވަހަކު ވެސް ނުފޮހެވޭނެ ކަމަށް ޒުވާން ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ބުނެފި އެވެ.
"ވަރަށް އުފަލުން މިހުރީ. މިއީ މިހާތަނަށް ޖެހުނު އެންމެ މުހިއްމު ގޯލު،" ޓީސީ 1-0 އިން ބަލިކުރި ފައިނަލް މެޗަށް ފަހު "މިހާރު"އާ ވާހަކަދައްކަމުން ރިޒޭ ބުންޏެވެ.
"ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް އަދި ވަރަށް ގިނަ އަހަރު އެބަ އޮތް. އެކަމަކު މި ގޯލު ހަނދާނުގައި އަބަދުވެސް ހުންނާނެ. އެއީ މިއީ އީގަލްސް އިން ހޯދ ފުރަތަމަ ތަށި ކަމަށް ވުމުން."
އުމުރުން 21 އަހަރުގެ ރިޒޭ އަކީ މިހާރު ގައުމީ ޓިމުގެ ވެސް ކުޅުންތެރިޔެކެވެ.
އޭނާ ބުނި ގޮތުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުވުމަކީ އީގަލްސްގެ ޒުވާން ސްކޮޑު ކުރިއަށް ދާން އެޅުނު ބިންގަލެކެވެ.
"މިއީ އީގަލްސް އިން ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތް. މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް މިއީ ހިތްވަރެއް. މި ޓީމުގައި ތިބި ގިނަ ޒުވާން ކުޅުންތެރިންނަކީ ކުރިއަަށް އޮތް އަހަރުތަކުގައި ވެސް މި ކްލަބުން ފެންނާނެ ކުޅުންތެރިން،" ކ. ދިއްފުއްޓަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މިއީ ފެށުމެއް. ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މުބާރާތްތައް ކާމިޔާބު ކުރަން ހިތްވަރު ލިބިއްޖެ."
ރިޒޭގެ ކެރިއަރުގެ ފެށުމަކީ ޒުވާން ގައުމީ ޓީމެވެ. ކްލަބަކާ ނުގުޅެނީސް އޭނާ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2013 ގައި ޖޯޑަންގައި އޮތް އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ޒުވާން ގައުމީ ޓީމުންނެވެ. އޭގެ ފަހުން މިދިއަ ދެ އަހަރު އޭނާ އަކީ އީގަލްސްގެ މުހިއްމު ކުޅުންތެރިޔެކެވެ.
"އީގަލްސް ދޫކޮށްލުމުގެ ވިސްނުމެއް ނެތް. މިއީ އެންމެ ރަނގަޅު މެނޭޖްމަންޓް. ކޯޗު ސާންތީގެ އެއްބާރުލުން އަބަދުވެސް ލިބޭ. އީގަލްސްގައި މިހުރީ އުފަލުން،" މުސްތަގުބަލާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.