ސްޓާސް އެކެޑެމީން ޓްރޭނިން އަށް އެމެރިކާ އަށް
ސްޓާސް އެކެޑެމީން ޓްރޭނިން އަށް އެމެރިކާ އަށް

ރާއްޖޭގެ ބާސްކެޓްބޯޅަ އެކެޑެމީ، ސްޓާސް އެކެޑެމީން، އެމެރިކާގެ ބާސްކެޓްބޯޅަ އަށް ޓެކްނޮލޮޖީ ފޯރުކޮށްދޭ، "ޝޫޓް 360" ގެ ޓްރޭނިން ސެންޓަރުތަކުގެ ޓްރޭނިން އަށް ޒުވާން ކުޅުންތެރިން ފޮނުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސްޓާސް އެކެޑެމީ އަށް މި ފުރުސަތު ހޯދައިދިނުމުގައި އެހީތެރިވެ ދިނީ، އެމެރިކާގެ ގައުމީ ބާސްކެޓްބޯޅަ ލީގު، އެންބީއޭގައި ވާދަކުރާ ލޮސް އެންޖެލިސް ލޭކާސްގެ ސްކައުޓް ވިލީ ސެމިއުލް މެދުވެރިކޮށެވެ.

ސްޓާސް އެކެޑެމީގެ ހެޑް ކޯޗު ހުސައިން ޒަމީލް (ޒަމްބެ) ބުނީ، ސެމިއުލް އާއި "ޝޫޓް 356" ގެ ކެލިފޯނިއާގެ ރީޖަނަލް މެނޭޖަރު ޖޯން ޕީޓާސަންއާ އެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާ ކުރިން ކޮންމެ އަހަރަކު އެއް ފަހަރު ޝޫޓް 360 ގެ ސެންޓަރުތަކަށް ޓްރޭނިން ކޭމްޕް ދިއުމަށް،" ޒަމްބެ ބުންޏެވެ.

"އަންނަ އަހަރުގެ ޖުލައި/އޯގަސްޓްގައި އެމެރިކާ އަށް ކުޅުންތެރިން ފޮނުވުން އަޅުގަނޑުމެން ޓާގެޓަކީ. އަޅުގަނޑުމެން ވިސްނާފައި އޮތީ 14 ނޫނީ 15 އަހަރުގެ ކުދިން ފޮނުވާގޮތަށް. އަންހެން އަދި ފިރިހެން ކުދިންނަށް ވެސް ފުރުސަތު ލިބިގެންދާނެ."

އޭނާ ބުނީ އެންބީއޭ މެޗުތަކެއް ބަލާލުމުގެ ފުރުސަތާ އަދި ކޮލެޖް ބާސްކެޓްބޯޅަ މުބާރާތުގެ މެޗުތަކެއް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

ޝޫޓް 36 އަކީ، ބާސްކެޓްބޯޅަ ޓްރޭނިންތައް ޓެކޮނޮލޮޖީގެ ޒަރީއާ އިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

"އެ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ގެންދާ ޓްރޭނިންތަކުން ދެނެގަނެވޭނެ، މިސާލަކަށް ހޫކާސް އަށް ބޯޅަ އެއްލާއިރު ބޯޅަ އުފުލާލާ ޕަސެންޓޭޖް ކަހަލަ އެއްޗިހި. ސްކްރީނެއްގެ ކުރިމަތީގައި ތިބެގެން ޓްރޭނިން ހަދާނީ. ޝޫޓިންގެ އިތުރުން ބޯޅަ ހޭންޑްލިން އަދި ޑްރިބްލިން އަށް ވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޭނިންތައް ކުރިއަށްގެންދާނީ. ދެން އޭގެ އެހީގައި ޓްރޭން ކުރީމަ ކުޅުންތެރިޔާގެ ވަކިވަކި ހުނަރުތައް ތަރައްގީ ކުރަން ފަސޭހަ ވެގެންދާނެ،" ޒަމްބެ ބުންޏެވެ.

ސްޓާސް އެކެޑެމީ އަކީ، ބޭރުގެ އެކި އެކެޑެމީތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށްގެންދާ އެކެޑެމީ އެކެވެ.