30 ނޮވެމްބަރ 2016 - 11:44

ލިވަޕޫލް (ނޮވެމްބަރު 30) - ލީޑްސް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން ލިވަޕޫލް ޖާގަހޯދިއިރު، އެ ޓީމުގެ ޒުވާން ފޯވާޑް ބެންޖަމިން ވުޑްބާން ވިދާލައިފި އެވެ.
ފާއިތުވި ތިން އަހަރު ލިވަޕޫލްގެ ރިޒާވް ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އައި ވުޑްބާން އަށް އެންމެ ފުރަތަމަ ސީނިއާ ޓިމުން ފުރުސަތު ދިނީ މިިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ސަންޑަލެންޑް އަތުން މޮޅުވި މެޗުގެ އިތުރު ވަގުތުގަ އެވެ. ރޭގެ މެޗަށް ވުޑްބާން ކުޅެން އެރުވީ ފަހު 15 މިނިޓް ތެރޭގަ އެވެ.
ވޭލްސްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ވުޑްބާން ރޭގެ މެޗުގައި ލަނޑު ޖެހުމާ އެކު އޭނާ ވެގެން ގޮސްފައިވަނީ ލިވަޕޫލްގެ ތާރީހުގައި އެ ޓީމަށް ލަނޑު ޖަހައިިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 45 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ މައިކަލް އޮވެން އަތުގަ އެވެ. އޮވެން ރެކޯޑް ހެދީ 17 އަހަރާއި 145 ދުވަހުން ލަނޑު ޖަހައިގެންނެވެ.
އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ލިވަޕޫލުން ކުޅުނު މި މެޗުގައި އެ ޓީމުން ދެ ލަނޑު ޖެހީ ވެސް ފަހު 15 މިނިޓް ތެރޭގަ އެވެ. ލިވަޕޫލުން ލީޑުނެގުމުގެ ކުރިން ލީޑްސް އިން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ދެ ވަނަ ހާފްގައި އޭރިއާ ބޭރުން ކެމާ ރޫފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓްގައި ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. އޭނާ ލަނޑު ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ދިން ބޯޅައަކުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ވުޑްބާން ލިވަޕޫލަށް ސެމީގެ ޖާގައެއް ޔަގީންކޮށްދިން ލަނޑު ކާމިޔާބުކުރީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޓީމެއްގެ ގޮތުގައި ކުޅެން ޒުވާން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ވުޑްބާން އަކީ މުސްތަގުބަލުގައި ލިވަޕޫލަށް ގިނަ އަހަރުތަކެއް ވަންދެން ކުޅޭނެ ކުޅުންތެރިޔެއްކަން ކްލޮޕް ފާހަގަކުރި އެވެ.
ސެމީގެ އަނެއް ޖާގަ ކަށަވަރުކުރީ ރޭ ނިއުކާސަލް އަތުން ޕެނަލްޓީ ޖަހައިގެން 3-1 އިން މޮޅުވެ ހަލް ސިޓީ އެވެ.