މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދޭން ޖެހޭ: ޑރ. މުއިއްޒު
މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދޭން ޖެހޭ: ޑރ. މުއިއްޒު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން "މުއްސަނދި" ންނަށް ބިން ވިއްކުމާ ދެކޮޅު ހައްދަވައި، އެ ތަނުން މާލޭގެ މީހުންނަށް ހިލޭ ގޯތި ދޭން ޖެހޭ ކަމަަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދޭން ޖެހޭ: ޑރ. މުއިއްޒު
މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދޭން ޖެހޭ: ޑރ. މުއިއްޒު

މާލޭގެ މީހުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ހުޅުމާލެ އިން ބިން ވިއްކުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، މުއްސަނދިންނަށް ހުޅުމާލެ އިން ގޯތި ވިއްކަން އުޅުމަކީ މާލޭގެ މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ ތަނުން ބިން ވިއްކުމަށް ހުޅުވައިލުމަށް އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެހެންވެ، އެ ނިންމުން ބަދަލުކުރުމަށް މުއިއްޒު ގޮވައިލެއްވި އެވެ.

"އެންމެ މުއްސަނދިންނަށް ނޫނިއްޔާ އެފޯޑް ނުކުރެވޭ އަގެއްގައި ހުޅުމާލެ އިން މިހާރު ގޯތި ވިއްކަން މި އުޅެނީ. މާލޭ ސިޓީ ކައުންސިލުން މިކަން ކުށްވެރި ކުރަން. އަޅުގަނޑު ސަރުކާރަށް ގޮވާލަން މި ނިންމުން މިހާރުން މިހާރަށް ބަދަލުކުރުމަށް،" ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެޗްޑީސީގެ ވިޔަފާރީގެ ބޭނުމަށް ހުޅުމާލެ އިން ބިން ވިއްކަން ވާނީ މާލޭގެ މީހުންނަށް ގޯތި ދިނުމަށް ފަހު އެވެ. ހުޅުމާލޭގެ ޕްލޭނަކީ "މަތިން ބާއްވައިލެއްވި ޕްލޭނެއް ނޫން" ކަމަށާއި އެއީ ބޭރުގެ ޕްރޮފެސަރަކު ގެނެސްގެން ތައްޔާރު ކޮށްފައިވާ ޕްލޭނެއް ކަމުން ބަދަލުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މާލޭގެ މީހުންނަށް އެންމެ ބޭނުންތެރި ގޮތަށް ޕްލޭން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސްކޫލުތައް އެޅުމާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ނެގުމަށް ފަހު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާންމު ރައްޔިތުންނަށް ބިން ދޫކުރެވޭ ވަރަށް ޖާގަ އެބަ އޮތް ކަމަށެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަދުވެގެން 500 ގޯތި، 1،400 އަކަފޫޓުގެ ގޯތި އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ޖާގަ އެބަ އޮތް. އަދި އެ ފައިސާ ހޯދުމަށް 2،000 އަކަފޫޓުގެ 100 ގޯތި ވިއްކޭ ވަރަށް ވެސް ޖާގަ އެބަ އޮތް. ސަރުކާރުން ކަން ކުރަންވީ މި ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ހަމައެކަނި ވިޔަފާރި އުސޫލުން ވިސްނުމުގެ ބަދަލުގައި އާންމު ރައްޔިތުންގެ ވިސްނުމުން ވިސްނައި އެ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ.

އެގޮތަށް ވިިދާޅުވުމުން އެއީ ހެޔޮ ނިޔަތުގައި ދެއްކެވި ވާހަކައެއް ނޫން ކަމަށް ވެސް ބަޔަކު ބުނެފާނެ ކަމަށާއި އެކަމަކު އެ ވާހަކަ ދެއްކެވީ އެގޮތަށް އެކަން ކުރެވޭނެތީ ކަމަށާއި އެގޮތަށް ކުރުމުން ރައްޔިތުން ވެސް ފައިދާ ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ސިޓީ ކައުންސިލުން މި ގޮވައިލަނީ ހުޅުމާލެ އިން އަގު ބޮޑުކޮށް ބިން ވިއްކުން އިހަށް މަޑުކޮށްލައިފައި، އާންމު ރައްޔިތުންނަށް ހުޅުމާލޭގެ ޕްލޭން ބަދަލުކޮށްގެން ހިލޭ ބިން ދިނުމަށް. މިހާރު އޮތް ޕްލޭންގަ ނެތް ޖާގައެއް،" މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދިނުމަށް މުއިއްޒު ގޮވައިލެއްވިއިރު، ކުރީގެ ވެރިކަމުގައި ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ވެސް ވަނީ ހުޅުމާލެ އިން ބިންް ވިއްކައިފަ އެވެ.