ކޮވިޑް ޖެހޭ ރޭޓް ދަށް ނުވެ ހަފްތާއެއް
ކޮވިޑް ޖެހޭ ރޭޓް ދަށް ނުވެ ހަފްތާއެއް

ކޮވިޑް-19 އަށް ރާއްޖޭން ޓެސްޓްކުރާ ސާމްޕަލްތަކުގެ ޕޮޒިޓިވިޓީ ރޭޓް އާންމު ގޮތެއްގައި ދެ ޕަސެންޓަށް ވުރެ ދަށުގައި ހުންނަތާ ދުވަސްތަކެއް ފަހުން އެ ރޭޓް ދެ ޕަސެންޓުން މައްޗަށް ގޮސް އެ ރޭޓުގައި ހުންނަތާ ހަފްތާއެއް ވެއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ދެ ޕަސެންޓަށް ވުރެ މައްޗެވެ. އެ ދުވަހު 2.18 ޕަސެންޓަށް އެރި ފަހުން އެޔަށް ވުރެ ރޭޓް ދަށެއް ނުވެ އެވެ. ރޭޓް އިތުރުވަމުން ގޮސް މިދިޔަ މަހުގެ 31 ގައި 3.69 ޕަސެންޓަށް ޕޮޒިޓިވިޓީ ރޭޓް އެރި އެވެ. އެއީ މުޅި ރާއްޖޭން 4،721 ޓެސްޓް ކޮށްގެން 103 މީހަކު ޕޮޒިޓިވް ވެފައި ވާތީ އެވެ. މާލޭ ސަރަހައްދުން އެ ދުވަހުގެ ރޭޓަކީ 2.47 އެވެ. މާލެ ނުހިމަނައި 4.10 ޕަސެންޓެވެ.

މިދިޔަ ދެ މަހެއްހާ ދުވަހަށް ބަލާއިރު ވެސް މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް 1-2 ޕަސެންޓާ ދެމެދު ބަދަލުވަމުން އައި ނަމަވެސް އެ މުއްދަތުގައި ދެ ޕަސެންޓަށް ވުރެ މަތީގައި މިހާ ގިނަ ދުވަހު ހިފެހެއްޓިފައެއް ނެތެވެ. އެޗްޕީއޭ އިން ރޭ އިއުލާނުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު 6:00 އާ ހަމަޔަށް ހިނގި 24 ގަޑިއިރު ތެރޭގައި ޓެސްޓްކުރި 6،418 ސާމްޕަލްގެ ތެރެއިން 173 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ 2.7 ޕަސެންޓެވެ.

މިދިޔަ ޖުލައި މަހު މުޅި ރާއްޖޭގެ ކޮވިޑް ޕޮޒިޓިވީ ރޭޓަކީ 6.6 ޕަސެންޓެވެ. އެކަމަކު އޯގަސްޓް މަހު އެ ރޭޓް 2.04 އަށް ދަށްވި އެވެ. އަދި މިދިޔަ މަހު 2.10 އަށް އަނެއްކާ އިތުރުވި އެވެ.

މިދިޔަ 24 ގަޑިއިރު މާލޭ ސަރަހައްދުން 2،709 މީހުން ޓެސްޓުކޮށް އޭގެ ތެރެއިން 68 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ 2.5 ޕަސެންޓެވެ. މާލެ ނުހިމަނައި ބެލުމުން މުޅި ރާއްޖޭން 3،709 ޓެސްޓު ކޮށްގެން 105 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. މިދިޔަ ތިން ދުވަހަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވަނީ މާލޭ ސަރަހައްދުން ފެންނަ ކޭސްތައް އިތުރުވުމެވެ. މިދިޔަ ތިން ދުވަހަށް ބަލާއިރު މާލޭން 24 ގަޑިއިރު ތެރޭ ފެނުނު ކޭސްތައް ކޮންމެ ދުވަހަކު ވެސް ވަނީ އިތުރުވެފަ އެވެ. އެކަމަކު ޓެސްޓްކުރި ސާމްޕަލްގެ ނިސްބަތުން ބަލާއިރު ޕޮޒިޓިވިޓީ ރޭޓް ބޮޑު އިތުރުވުމެއް ނުފެނެ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،895 އެވެ. މިހާތަނަށް ބަލި ޖެހުނު 81،474 މީހުންގެ ތެރެއިން 79،340 މީހަކު ބަލިން ރަނގަޅުވެ 226 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރާ މީހުންނަށް އެޗްޕީއޭ އިން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެތެރޭގައި ކަރަންޓީނު ނުވެ ރަށްރަށަށް ދަތުކުރުމާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާ ނަމަ ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި އެ ރަށްރަށަށް ދަތުރުކުރުން ހިމެނެ އެވެ.