ލޮނުދުއަހައްޓާ ތަރައްގީކުރަން ނެގި ލޯނުގެ މައްސަލަ އަލުން ބަލަން އަންގައިފި
ލޮނުދުއަހައްޓާ ތަރައްގީކުރަން ނެގި ލޯނުގެ މައްސަލަ އަލުން ބަލަން އަންގައިފި

ގދ. ލޮނުދުއަހައްޓާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން މެލޭޝިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ސިވިލް ކޯޓަށް ފޮނުވައިފި އެވެ.

ލޮނުދުއަހައްޓާ ތަރައްގީ ކުރަން ހަވާލުވި ވަން އެންޑް ހާފް ޑިގްރީ މޯލްޑިިވްސްގެ ފަރާތުން އެ ރަށް ތަރައްގީ ކުރަން އެގްޒިމް ބޭންކުން 2006 ގައި ނެގި 19 މިލިއަން ޑޮލަރު ނުދެއްކުމުން އެ މައްސަލަ ބޭންކުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2014 ގައި ހުކުމްކުރީ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު 22 މިލިއަނަށް ވުރެ ގިނަ ޑޮލަރު (339 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ބޭންކަށް ދެއްކުމަށެވެ.

އެ ފައިސާ ނުދައްކައިފި ނަމަ ލޮނުދުއަހައްޓާގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލުމުގެ ހުއްދަ ކޯޓުން އޮތީ ބޭންކަށް ދީފަ އެވެ.

އެ މައްސަލަ ވަން އެންޑް ހާފް ޑިގްރީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދު ހިސާބު ކުރީ ކިހިނެއް ކަން އެނގެން ނެތް ކަމަށާއި އަދި އެ ހުކުމު އައިސްފައިވަނީ އެގްޒިމް ބޭންކަށް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނާ ފައިސާއެއް ވެސް ހިމަނައިގެން ކަމަށެވެ. އަދި ހުކުމުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅާފައިވަނީ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށްގެން ކަމަށް ނުބެލެވެ އެވެ.

އެހެންވެ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.