ކުޅިވަރު ތަރައްގީ އަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު
ކުޅިވަރު ތަރައްގީ އަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު

ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް، އިންޑިއާ އެކު 40 މިލިއަން ޑޮލަަރުގެ ލޯން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން ހެދީ އިންޑިއާގެ އެގްޒިމް ބޭންކްއާ އެކު އެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ނަގާ ލޯން ބޭނުން ކުރާނީ ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، އެތްލެޓިކްސް، ޓޭބަލްޓެނިސް، އަދި އެހެނިހެން އިންޑޯ ކުޅިވަރުތައް ކުޅެނޭ ސްޓޭޑިއަމްތައް ގާއިމު ކުރުމަށެވެ.

މި ފުރުސަތަކީ އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރް ފެބްރުއަރީ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ހުށަހެޅުއްވި ލޯނެކެވެ. އެގްޒިމް ބޭންކުން ވަނީ ރާއްޖޭގެ އެކި މަޝްރޫތަކަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލޯން ދޭން ހަމަޖައްސައިފަ އެވެ. އިންޑިއާގެ އެހީގައި ހުޅުމާލޭގައި ގާއިމު ކުރާ ކްރިކެޓް ސްޓޭޑިއަމް އަކީ ވެސް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިމާރާތް ކުރާ ސްޓޭޑިއަމް އެކެެވެ.

ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރުމަށް ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ޗެންނައީގައި ހުންނަ ޕްރިމިއަ ސެންޓަ ފޯ ސްޕޯޓްސް ސައިންސްގައި ހައިޕާފޯމަންސް ޓްރޭނިން ކޭމެޕެއް ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން އަތޮޅުތެރޭގައި 61 ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މާފަންނު ސްޓޭޑިއަމްގެ ދުވާ ޓްރެކުގައި ސިންތެޓިކް ޓްރެކެއް އެޅީ ވެސް އިންޑިއާގެ އެހީގަ އެވެ.