02 ސެޕްޓެމްބަރ 2021 - 14:25

އަމާޒަކީ ސައިބާ ސެކިއުރިޓީ ގާނޫނެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކުލަވާލައި، އަމަލުކުރަން ފެށުން ކަމަށް އެންވަޔަރުމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ކުރިމަތިވާ ކަމަށާއި އެފަދަ މައްސަލަތައް ހިނގާ ގޮތް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ސައިބާ ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ހޭލުންތެރި ކުރުމަށް މުވައްޒަފުން ތަމްރީނު ކުރުމާއި ގަވާއިދުން ސިސްޓަމްތައް މޮނިޓާކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެފަދަ މައްސަލަތަކާ ގުޅޭ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
"....އަދި ސައިބާ ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި އެކަމަށް ވަކިން ހާއްސަ ޓީމެއް ބިނާކުރުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ ނެޝަނަލް އިންސްޓިޓިއުޝަން އޮފް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ) އަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެންނެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.