އެއްބައިވަންތަ ކަމަށް ލޮޅުން އަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭން ރައީސް ގޮވާލައްވައިފި
އެއްބައިވަންތަ ކަމަށް ލޮޅުން އަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭން ރައީސް ގޮވާލައްވައިފި

ގައުމުގެ އެއްބައިވަންތަކަމަށް ލޮޅުން އަރާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތޯބެއްގައި ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ވާސިލްކޮށްދިނުމަށް، ކޮންމެ ގުރުބާނީއެއް ވާން ޖެހުނު ކަމުގައި ވެސް ފަސް ޖެހުމެއް ނެތި އެކަން ކުރުމަށެވެ.

ރައީސް ވިދާޅުވީ ގައުމަށްޓަކައި ބަޔަކު ޖިހާދުވެފައިވާ ކަމަށާއި އެ އަބްތާލުންގެ ޖިހާދުން ދައްކައިދިނީ ހިތްވަރުގަދަ ކަމާއި ނުގުޑާ ފަދަ އަޒުމެއްގައި ސާބިތުވެ ތިބިކަމާއި، ގައުމަށްޓަކައި އުފެދިފައިވާ މަތިވެރި ލޯބި ކަމަށެވެ. އެހެންވެ، ގައުމީ ލޯބި ކޮންމެ ދިވެއްސެއްގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަން ޖެހޭނީ، ޒަމާނެއްގެ ކޮޅުން ވެސް އެއަށް ބަދަލެއް ނާންނާނެ މިންވަރަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ލޮބުވެތި ގައުމަށްޓަކައި ފަހުރުވެރިވުމާއި ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރްބާނީއެއް ވުމާއި ގައުމުދެކެ ލޯބިވުމަކީ އަޅުގަނޑުމެންގެ ގައުމީ އަބްތާލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުޢޫރު ކަމުގައި ވާންޖެހޭނެ އެވެ." އެ މަނިކުފާނުގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުން، އެ ގައުމީ އަބްތާލުންގެ ގުރުބާނީން އިބުރަތް ހާސިލްކޮށް، ގައުމައިގެން ކުރިއަށް ދިއުމަށް އާ އަޒުމުތަކެއް ކަނޑައެޅުމަށް އެ މަނިކުފާނު އިލްތިމާސް ކުރައްވާ ކަމަށެވެ.