02 ސެޕްޓެމްބަރ 2021 - 12:22

ކާބުލް (ސެޕްޓެމްބަރު 2) - އަފްގާނިސްތާގެ ގައުމީ ކްރިކެޓް ޓީމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ތާލިބާނުން އަންގައިފި އެވެ.
ނޮވެމްބަރު މަހު އަފްގާނިސްތާންގެ ކްރިކެޓް ޓީމުން ޓެސްޓް ސީރީޒްތަކެއްގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުތައް ކުރިއަށް ގެންދާނެތޯ ކުރިން އޮތީ ސުވާލު އުފެދިފަ އެވެ.
އަފްގާންގެ ކްރިކްޓް ބޯޑުގެ ޗީފް އެގްޒެކެޓިވް ހާމިދު ޝިންވާރީ، އޭއެފްޕީ އަށް ވިދާޅުވީ ޓީމު އޮސްޓްރޭލިއަށް ފޮނުވަން ހުއްދަ ލިބިފައިވާ ކަމަށެވެ.
އަފްގާނިސްތާންގައި ވެރިކަމުގެ ބާރުތައް މިހާރު ކޮންޓްރޯލް ކުރަމުން ދަނީ، ތާލިބާނުންނެވެ. ތާލިބާނުންގެ ސަގާފީ ކޮމިޝަންގެ ޑެޕިއުޓީ، އަހްމަދުﷲ ވާސިގު މިދިޔަ އަންގާރަ ދުވަހު އޮސްޓްރޭލިއާގެ ސީބީއެސް އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި އޮސްޓްރޭލިއާގެ ޓީމު އަފްގާނިސްތާނަށް ދަތުރުކޮށް، އަފްގާނިސްތާންގައި ވެސް މެޗުތައް ކުޅެން ބޭނުންވާ ކަމަށެވެ.
"އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ. ކްރިކެޓް ޓީމަށް އެހެން ގައުމުތަކާ އެކު ކުޅެވޭނެ،" އަހްމަދުﷲ ވިދާޅުވި އެވެ. "ކުރިމަގުގައި އަހަރެމެން ބޭނުން އެހެން ގައުމުތަކާއެކުގައި ވެސް ރަނގަޅު ގުޅުމެއް ބާއްވަން. އަފްގާންގެ ކުޅުންތެރިންނަށް އޮސްޓްރޭލިއާ އަށް ދެވޭނެ. އޮސްޓްރޭލިއާގެ ޓީމު އައިސް މިތަނުގައި ވެސް ކުޅެވޭނެ ގޮތަށް ކަންތައް ވާން އަހަރެމެން ބޭނުން."
މިދިޔަ ހުކުރު ދުވަހު ލަންކާގައި ކުޅެން ހަމަޖެހިފައިވާ ޕާކިސްތާނާއި އަފްގާނިސްތާންގެ ވަން ޑޭ ސީރީޒް މެޗުތައް ނުކުޅެ ފަސް ކުރީ އެވެ. އަފްގާނިސްތާނަށް މިހާރު އޮތީ ކޮމަޝަލް ފްލައިޓްތައް ދަތުރު ކުރުން ހުއްޓާލައިފަ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި އޮމާންގައި އަންނަ މަހު ފަށާ ޓީ 20 ވޯލްޑް ކަޕުގައި އަފްގާނިސްތާން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޮސްޓްރޭލިއާގެ ޓުއާގެ ކުރިން އެ މުބާރާތަށް އަފްގާނިސްތާންގެ ޓީމު ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ.
އަފްގާނިސްތާންގައި އަންހެން ކުޅުންތެރިންގެ ކުޅިވަރުތައް ކުރިއަށް ގެންދެވިދާނެތޯ ބުނަން އަދި ވެސް ނޭނގެ އެވެ. މި މަހު ބާއްވާ އޭޝިއަން ކަޕް އަންހެން ކޮލިފިކޭޝަންގައި އަފްގާނިސްތާންގެ އަންހެން ޓީމު ވާދަކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ފީފާ އިން ވަނީ އަފްގާނިސްތާންގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ހިމަޔާތް ކޮށްދިނުމަށް އެހެން ގައުމުތަކުގެ ކިބައިން އެދިފަ އެވެ.