ދުވާފަރު ބަންދުގައި އޮންނަތާ ތިން މަސް؛ އަދިވެސް ކޮވިޑް ފެތުރެނީ
ދުވާފަރު ބަންދުގައި އޮންނަތާ ތިން މަސް؛ އަދިވެސް ކޮވިޑް ފެތުރެނީ

ކޮވިޑް ފެތުރޭތީ ބަންދުކޮށްފައި އޮންނަތާ ތިން މަސް ވެފައިވާ ރ. ދުވާފަރުން އަދިވެސް ކޮވިޑްގެ ކޭސްތައް ފެންނަ ކަމަށާއި ރަށުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް އެ ރަށު ހެލްތު ސެންޓަރުން މިއަދު ބުނެފި އެވެ.

ކޮވިޑާ ހެދި ދުވާފަރު ބަންދުކުރީ މިދިޔަ މެއި މަހުގެ 25 ގަ އެވެ. އެ ރަށަކީ މިވަގުތު މޮނިޓަރިންގެ ލިސްޓުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށެވެ. ދުވާފަރުން ބަލި ޖެހުނު މީހުންގެ އަދަދު 745 އިން މަތީގައި އުޅޭއިރު މިވަގުތު ވެސް ބަލިން ރަނގަޅު ނުވެ 139 މީހަކު އެބަ ތިއްބެވެ.

ދުވާފަރު ހެލްތު ސެންޓަރުގެ މެނޭޖަރު އާމިރު އަހުމަދު، "މިހާރު" އަށް ވިދާޅުވީ ކޮވިޑްގެ ހާލަތަށް އަދިވެސް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ރަށުން ދެތިން މީހަކަށް ބަލި ޖެހޭ ކަމަށާއި ކޭސްތަކުގެ އަދަދު ގިނަވެގެން ދަނީ އެއް ގެޔަކުން ގިނަ ބަޔަކަށް ބަލި ޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި ރަށުން ބަލި ފެނުނު ފަހުން އާންމުކޮށް އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 150-170 އާ ދެމެދުގަ އެވެ. އެކަމަކު މިހާރު އެ އަދަދު ހުރީ 139 ގަ އެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރޭގައި 55 އަހަރުން މަތީގެ ހައިރިސްކް ސާޅީހެއްހާ މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހަ މީހަކަށް ފަރުވާދެނީ ފެސިލިޓީގަ އެވެ.

"ހަ މީހަކު އޭދަފުށީ މެޑިކަލް ފެސިލިޓީގައި ވީ. އެތަނުން އެކަކު އިއްޔެ މާލެއަށް ބަދަލުކުރި ކަމަށް ވެސް މައުލޫމާތު ލިބޭ."

ރަށުގެ ކޮވިޑް އެކްޓިވް ކޭސްތައް މަދުވި ނަމަވެސް ކޮވިޑްގެ އަލާމާތް ފެނިގެން ޑޮކްޓަރަށް ދައްކާ މީހުން ވެސް ޕޮޒިޓިވްވަމުން އަންނަ ކަމަށް އާމިރު ވިދާޅުވި އެވެ.

ދުވާފަރުގެ ހާލަތު ގޯސް ކަމުން، ބަލި ކޮންޓްރޯލްކުރުމަށް އެރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުން އަންނައިރު އެ ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުތުން މަދުކުރުމަށް އިލްތިމާސްކުރެ އެވެ. އަދި މާދަމާ ކެފޭ/ ރެސްޓޯރަންޓުތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އެ ތަންތަނުން އެއް ވަގުތެއްގައި ހިދުމަތްދެވޭނެ އަދަދަކާއި ގައިދުރުކަން ދެމެހެއްޓުމަށް އަންގާފައިވާނެ ކަމަށް އާމިރު ވިދާޅުވެ އެވެ.

"އެޗްޕީއޭގެ ވެސް ލަފާ ހޯދައިގެން އެތަންތަން މި ހުޅުވަނީ. މެޝާސްތަކާ އެއްގޮތަށް އަމަލުކުރެވޭނަމަ ގޯސް ނުވާނެ ކަމަށް އެ ބޭފުޅުން އަންގަނީ. އަންގައިފަ ވާނީ ހިދުމަތް ދެނީ ކޮން ބަޔަކަށް ކަން އެނގޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ވެސް،" އެންގުމާ އެއްގޮތަށް ހިދުމަތް ނުދޭނަމަ ހިދުމަތް ދިނުމަށް ފުރުސަތު ނުދެވޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

މުޅި ރާއްޖޭން މިހާތަނަށް 81،301 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 79،268 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 226 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.