މަޝްހޫރު ބްރޭންޑުތަކާ އެކު ސޮނީ ސްޕޯޓްސް ފެޝަން ހުޅުވައިފި
މަޝްހޫރު ބްރޭންޑުތަކާ އެކު ސޮނީ ސްޕޯޓްސް ފެޝަން ހުޅުވައިފި

މަޝްހޫރު ބްރޭންޑުތަކާ އެކު "ސޮނީ ސްޕޯޓްސް ފެޝަން" ގެ ނަމުގައި މާލޭގައި ފިހާރައެއް ހުޅުވައިފި އެވެ.

މިއީ ސޮނީ ސްޕޯޓްސް އިން ފެޝަނަށް ހާއްސަކޮށްގެން މާލޭގައި ހުޅުވި ދެވަނަ ފިހާރަ އެވެ. "ސޮނީ ސްޕޯޓްސް ފެޝަން" ހުންނާނީ މަޖީދީމަގު ހެންވޭރު ދަނޑު ކައިރީގަ އެވެ.

ސޮނީ ސްޕޯޓްސް އަކީ ރާއްޖެއަށް އެކި ބްރޭންޑުތަކުގެ ހެދުން އެތެރެކުރާ ކުންފުންޏެކެވެ. މީގެ ތެރޭގައި ކުއިކް ސިލްވާ އާއި ބިލަބޮންގާއި ރޮކްސީ އާއި ޑީސީ ފެޝަން އާއި ރިޕް ކާލް ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.

އަލަށް ހުޅުވި މި ފިހާރައިން ބީޗް ވެއާ އާއި ސްޕޯޓްސްވެއާ ގެ އިތުރުން ފެޝަން ޕްރޮޑަކްޓުތަކާއި އެކްސަސަރީޒް ލިބެން ހުންނާނެ އެވެ. މިއީ ދެ ޖިންސުގެ މީހުންނަށް ވެސް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ.

ސޮނީ ސްޕޯޓްސް ފެޝަން އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ޖިންސާއި ގަމީހާއި ޓީޝާޓާއި އަންހެން ކުދިންގެ ޓޮޕާއި ސޯޓާއި ފައިވާނު އަދި އަވިއައިނާއި ގަޑިއާއި ވޮލެޓާއި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

މި ފިހާރައިގެ އިންޓީރިއާ ފަރުމާކޮށްފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެގޮތުން، އަންހެނުންނަށް ހާއްސަ ސެކްޝަނުގައި އަލި ކުލަތައް ހިމެނޭ ވަކަރު ބެކްގްރައުންޑެއް ހަދާފައިވާއިރު ފިރިހެނުންގެ ސެކްޝަނުގައި ބޭނުންކޮށްފައި ވަނީ "ރަސްޓިކް ކޮންކްރީޓް" އެވެ. މިއީ ކަސްޓަމަރުންނާ ރައްޓެހި މާހައުލެއްގެ އިހުސާސް ގެނުވައި ދިނުމަށް ހަދާފައިވާ ކޮންސެޕްޓެއް ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.