ފޮޓޯ ލީކުކޮށްގެން ހައްޔަރުކުރި މީހާގެ ހާޑްޑްރައިވުން މިލިއަނެއްހާ ފޮޓޯއާއި ފައިލް
ފޮޓޯ ލީކުކޮށްގެން ހައްޔަރުކުރި މީހާގެ ހާޑްޑްރައިވުން މިލިއަނެއްހާ ފޮޓޯއާއި ފައިލް

ގިނަ ބައެއްގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ގެންގުޅުނު ހާޑްޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، ގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލްތައް ހޯދައިފަ އެވެ. އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.

އޭނާގެ 10 ހާޑް ޑްރައިވެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެއީ ގެއިން ފެނުނު ހަތް ހާޑްޑްރައިވާއި އޮފީހުގައި ބޭނުންކުރި ސިސްޓަމުގެ ހާޑްޑްރައިވާއި އޮފީހުގެ ވަތްގަނޑަކުން ފެނުނު ދެ ހާޑް ޑްރައިވް އެވެ.

މި މައްސަލައަކީ ގިނަ އަދަދެއްގެ ވިކްޓިމުން ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ކޯޓުގައި ބުނެފައި ވަނީ، ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އެ ވިކްޓިމުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު އެ ކުށުގެ އަމަލުގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ.

މަސާއިދު ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާ ކުރިން ކުށުގެ ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށް އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ އަކީ ވަޒީފާއެއް ވެސް އަދާކުރާ މީހެއް ކަމަށް ބުނެ އޭނާގެ ފަރާތުން ވަކީލު އެދިވަޑައިގަތީ ހަރުކަށި ޝަރުތުތަކެއް ކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލާށެވެ.

ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ގޭގައި ހުރެގެން ވެސް ކުރެވިދާނެ ފަދަ ކުށަކަށްވެފައި އޭނާ އެ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ފުލުހުން އެދުނީ ބަންދު ދަމަހައްޓާށެވެ. ޕީޖީން ވެސް ވަނީ ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ.

މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހެޅި އެވެ.

ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާގެ ބަންދަށް އިތުރު ހަ ދުވަސް ދިނުމަށެވެ. އިއްޔެ ބަންދު އިތުރުކުރަން އޭނާ ކޯޓަށް ހާޒިރުކުރީ އެންމެ ފަހުން އޭނާ 10 ދުވަހަށް ބަންދު ކުރި އަމުރުގެ މުއްދަތު ހަމަވާތީ އެވެ.

ފުލުހުން މީގެ ކުރިން ކޯޓުގައި ބުނީ، މަސާއިދަކީ މީގެ ކުރިން ވެސް މިފަދަ އަމަލުތަކެއް ހިންގި ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.