02 ސެޕްޓެމްބަރ 2021 - 11:01

ލޮއުލޭ، ޕޯޗްގަލް (ސެޕްޓެމްބަރު 2) - ވޯލްޑް ކަޕް ކޮލިފިކޭޝަގައި އަޔަލެންޑް ކޮޅަށް ލަނޑު ޖަހައި، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފި އެވެ.

ކުރިން މި ރެކޯޑް އޮންނަނީ، އިރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ އަތުގަ އެވެ. ދާއީ 2006 ގައި އިރާންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 109 ލަނޑު ޖެހުމަށް ފަހު އެވެ. އިންޓަނޭޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ މިހާރު އޮތީ 111 ލަނޑު ޖަހައިގެންނެވެ.
މެޗުގެ 15 ވަނަ މިނެޓްގައި ރެކޯޑް ހަދަން ރޮނާލްޑޯ އަށް ފުރުސަތު ލިބުނުވެ. ޕޯޗްގަލް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް އަޔަލެންޑްގެ ކީޕަރު ގަވިން ބަޒޫނޫ ދިފާއު ކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯން އީގަން ވަނީ އަޔަލެންޑަށް ލީޑް ނަގައިދީފަ އެވެ.
މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ދިޔައިރު ވެސް އެ ޓީމު އޮތީ ކުރީގަ އެވެ. އަޔަލެންޑަށް މެޗުން މޮޅުވުން ހައްގު ކަމަށް ބެލެވުނެވެ. އެކަމަކު 89 ވަނަ މިނެޓްގައި ލަނޑު ޖަހައިދީ ރޮނާލްޑޯ ޕޯޗްގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ޕޯޗްގަލް އަށް ލީޑު ނަގައިދީ، ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އާ ފޯވަޑްގެ ލަނޑުގެ ރޭޓަށް ބާލާއިރު އަޔަލެންޑުގެ ފުރަތަމަ 11 އަށް ވުރެ އޭނާ އެކަނި އުޅެނީ 102 ލަނޑު ކުރީގަ އެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ، ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރިއަށްގެންދާ ޔޫރަޕް ޒޯން ކޮލިފައިންގެ ގުރޫޕް އޭގެ އެއް ވަނައިގައި އޮތީ ޕޯޗުގަލް އެވެ. މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު އެ ޓީމު ވަނީ ތިން މެޗުން މޮޅުވެފަ އެވެ. އެއް މެޗުން އެއްވަރުވި އިރު ޕޯޗްގަލް އެންމެ ކުރީގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ގުރޫޕްގެ ދެ ވަނައިގައި އޮތް ސާބީއާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ލަގްޒަމްބާގްއާ ދެކޮޅަށެވެ.