02 ސެޕްޓެމްބަރ 2021 - 09:06

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ ވަކީލު، ނާޒިމް އަބްދުއްސައްތާރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ހަމަލާއާ ގުޅޭގޮތުން ނަޝީދު ހުންނެވީ ބަޔާނެއް ދެއްވުމަށް ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ބަޔާން ނެންގެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ސިޓީގައިވެ އެވެ.
ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މިދިޔަ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ މަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެއަށްފަހު ޖަރުމަނަށް ވަޑައިގެން، އެ ގައުމުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް އެއްވެސް މީހެއްގެ ޝަރީއަތެއް އަދި ނުފަށަ އެވެ.