ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!
ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!

ހުޅުމާލޭގެ ދެ ވަނަ ފޭހަށް ބޮޑު ޕިކަޕަކުން ދަތުރަކަށް 700ރ. އަށް ވުރެ ބޮޑު އަދަދެއް ނަގަން ފެށުމާ ެކު އެތައް ބަޔަކު އެކަމަށް ފާޑު ކިޔެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރުންނަށް ވަރަށް ބޮޑަށް ޖޯކު ވެސް ޖެހި އެވެ.

ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!
ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!

އެކަމަކު ހަގީގަތަކީ، ބޮޑު ޕިކަޕެއް ފޭސް ދޭކަށް ކޮށްދޭ ދަތުރަކަށް 700ރ.-800ރ. ނަގާ ކަމެވެ. މިއީ ރާއްޖޭގައި ދަތުރުފަތުރުގެ އަގުތަކަށް ބަލާއިރު ވަރަށް ބޮޑު އަގެކެވެ. ކަނޑުދަތުރު ފަތުރާއި ވައިގެ ދަތުރުފަތުރަށް ބެލިޔަސް، މާލެ އާއި ހުޅުމާލެ އާ ދޭތެރޭ ދަތުރުފަތުރު ކޮށްދޭ އަގުތައް މާ ބޮޑެވެ.

ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!
ބޮޑެތި ޕިކަޕް ދަތުރުގެ އަގު ބޮޑުވެ ޝަކުވާ އިތުރުވެފައި!

ކުޑަ ޕިކަޕަކުން މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދަތުރެއް ކޮށްދެނީ ވެސް 300ރ. އަށެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި ދުވަސްވަރަކީ ހިޔާ ފްލެޓުތަކުގެ މަސައްކަތް ކުރަމުން އަންނަ ދުވަސްވަރަށް ވާތީ ޕިކަޕް ޑްރައިވަރުން ނާޖާއިޒް ފައިދާ ނަގަނީ އެވެ.

އެއްގަމު ދަތުރުފަތުރުގެ އަގު، ހާއްސަކޮށް ބޮޑެތި ޕިކަޕްތަކުގެ އަގު އެހާ އަގު ބޮޑީ ކީއްވެތޯ އާންމުން ސުވާލު ކުރެ އެވެ.

ބޮޑު ޕިކަޕެއް ދުއްވާ މީހަކު ބުނި ގޮތުގައި ތެލަށް ދާ ހަރަދު މާ ބޮޑީ އެވެ. މާލެއިން ދެވަނަ ފިޔަވައްސަށް ދާނަމަ "ފިޔުލް މީޓަރު"ގެ އެއް ފިތް ހުސްވާ ކަމަށް ޑްރައިވަރަކު ބުންޏެވެ. އެއީ ދެތިން ލީޓަރު ޕެޓްރޯލް ކަމަށާއި ބަރު އެއްޗެހި އުފުލާ ނަމަ ޕެޓްރޯލް އިތުރަށް ހަރަދުވާނެ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ތެލަށް ވަރަށް ހަރަދު ދާނެ. އަދި ނުލާހިކު ބަރު އެއްޗެހި މި އުފުލަނީ. އަޅުގަނޑު ނުދެކެން 700ރ. އެއީ ބޮޑު އެއްޗެއް ކަމަށް އެހާ ދުރު ދަތުރަކަށް،" ޕިކަޕް ޑްރައިވަރަކު ބުންޏެވެ.

ދަތުރުފަތުރު އާންމުކޮށް ކޮށްދޭ އުޅަނދުތަކުން އަގު ކަނޑައަޅާނީ ކަސްޓަމަރު ބުނާ މަންޒިލަކަށް ދާން ތެޔޮ ހަރަދުވާވަރަށް ބަލައި ކުޑަ ފައިދާއެއް ލުމަށް ފަހު އެވެ. ނަމަވެސް މިހާރު ޕިކަޕުތަކުން އަގު ނަގަނީ އެތައް ގުނައެއް ފައިދާވާ ގޮތަށެވެ.

ރާއްޖޭގައި ތެލުގެ އަގަށް ބަލާއިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 10.75ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 10.95ރ. އަށެވެ. ކުދި ޕިކަޕުތަކަށް ޕެޓްރޯލް އަޅާއިރު ބޮޑެތި ޕިކަޕުތަކަށް އަޅަނީ ޑީސަލެވެ. ނަމަވެސް އަގުގެ ގޮތުން މި ދެ ބާވަތުގައި އެހާ ބޮޑު ފަރަގެއް ނެތެވެ.

މާލޭގައި ޕިކަޕް ދުއްވާތާ ގިނަ ދުވަސް ވީ މީހަކު "މިހާރު" އަށް ބުނީ މާލެއިން ދެވަނަ ފިޔަވައްސާ ހަމައަށް ކޮންމެ ކަހަލަ ޕިކަޕެއްގައި ދިޔަ ނަމަވެސް ލީޓަރެއްގެ ތެޔޮ ވެސް ހަރަދު ނުވާނެ ކަމަށެވެ. އޭގެ މާނައަކީ ދަތުރަކަށް ތެލަށް ކުރެވޭ ހޭދަ 10ރ. އަށްވުރެ ވެސް ކުޑަ ކަމެވެ.

ބައެއް ޑްރައިވަރުން ބުނި ގޮތުގައި ދަތުރަކަށް އަގު ނަގަނީ އެ ދަތުރަކަށް ކުރާ ހަރަދު ބަލައިގެނެއް ނޫނެވެ. އެ ހޭދަވާ ވަގުތު ވެސް ވަރަށް މުހިންމު ކަމަށް، މި ރިޕޯޓަށް ވާހަކަ ދެއްކި ޑްރައިވަރަކު ބުންޏެވެ.

"އެއީ ވަރަށް ވަގުތު. ޕިކަޕް އެއްކޮށް ހުސްކޮށްލެވޭއިރު އެބަ ހޭދަވޭ ދޮޅު ގަޑި ދެ ގަޑިއިރު ވެސް. ދެ ގަޑިއިރު މާލޭގައި ދުއްވިޔަސް 700ރ. އަށް ވުރެ މާ ގިނައިން އެބަ ލިބޭ. އެހެންވެ ގިނަ ޑްރައިވަރުން އަގު ނަގާނީ ވަގުތަށް. ހަރަދަކަށް ނޫން،" ޑްރައިވަރަކު ބުންޏެވެ.

އެހާ ބޮޑު އަދަދެެއް ނެގުމާ ހިތްހަމަނުޖެހޭ ޑްރައިވަރަކު ބުނީ ދަތުރެއްގެ އަގު ކަނޑައަޅަނީ ޑްރައިވަރުން ގުޅިގެން ކަމަށާއި އެ އަގަށްވުރެ ކުޑަކޮށް އެހެން ޑްރައިވަރުންނަށް ދަތުރުކުރިޔަ ވެސް ނުދޭ ކަމަށެވެ.

"ހަރަދު ބޮޑުވާނެއޭ ކިޔައި އެ ދައްކަނީ ދޮގު ވާހަކައެއް. މިހާރު ވާގޮތަކީ ގިނަ ޑްރައިވަރުން ގަބޫލު ކުރަނީ މިސާލަކަށް ފޭސް ޓޫއަށް ދާން 40 މިނެޓު ނަގަންޏާ އެ ގަޑީގައި މާލެތެރޭގައި އޭނާ ދަތުރު ކުރަންޏާ ދެ ތިން ދަތުރު އަޅާލެވޭނެއޭ. އެހެންވެ އެ ދަތުރުތަކުގެ ބައި ވެސް ހިމަނާލަނީ،" ނަން ހާމަ ނުކުރުމަށް އެދި އޭނާ ބުންޏެވެ.

ޕިކަޕެއްގައި ހިޔާ ފްލެޓަށް ސާމާނު ގެންދިޔަ މީހަކު ބުނީ އޭނާގެ އަތުން ތިން ދުވަހުގެ ތެރޭގައި ޕިކަޕް ކުއްޔަށް އެކަނި 2،000ރ. އަށް ވުރެ ގިނައިން ހަރަދުވެއްޖެ ކަމަށެވެ. އަގު ބޮޑު ވިޔަސް ތަކެތި ފްލެޓާ ހަމައަށް ގެންދަން ބޭނުންވާ ނަމަ އެ އަގު ދީފައި ވެސް ޕިކަޕެއް ނެގުން މަޖުބޫރު ކަމަށް އޭނާ ބުންޏެވެ.

"އަތުން ގެނެވޭނެ ވަރުގެ އެއްޗެއްސެއް ނޫން މިއީ. މުއްޓާއި ކަރަންޓް ސާމާނާއި ކަބަޑު ސެޓުތަކާއި އެނދު ކިހިނެއް އަތުން ގެންނާނީ. ކާރަކުން ވެސް އެ އެއްޗެހި ނުގެނެވޭނެ. ޕިކަޕު ކުލި ކިތަންމެހާ ވެސް ބޮޑު،" އޭނާ ކިޔައިދިނެވެ.

ހުޅުމާލޭ ފޭސް ދޭކަށް ޕިކަޕް ދަތުރުގެ އަގުތައް އެހާ ބޮޑުވުމާ އެކު ވަރަށް ގިނަ މީހުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހައްލު ކުރަން ގޮވާލައިފަ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ އަގުތައް މިހާރަށް ވުރެ ހެޔޮކުރަން ވެސް އާންމުން ވަނީ ގޮވާލައިފަ އެވެ.

"ލ. އަތޮޅަށް ވެސް އެބަ ދެވޭ 700ރ. އަށް،" އެކަކު ހިޔާލު ފާޅުކޮށްފައި ވެ އެވެ.