30 ނޮވެމްބަރ 2016 - 00:58

ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު މަރުވެފައިވާއިރު، އެ ކްލަބަށް ޗެމްޕިއަންކަން ދިނުމަށް އެތުލެޓިކޯ ނޭސިއަނަލް އިން ހުށަހަޅައިފި އެވެ.

ކޮލަމްބިއާގެ މެޑެޔިން އަށް ނިސްބަތްވާ ޓީމުން ވަނީ ކޮޕަ ސުޑަމެރިކާނާގެ ތަށި ޝަޕޮކޮއެންސްއާ ހަވާލުކުރުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޮލްގައި އެދިފަ އެވެ. އެތުލެޓިކޯގެ މި ނިންމުމަށް ގިނަ ބަޔެއްގެ އިހުތިރާމް ވަނީ ލިބިފަ އެވެ.
ޝަޕޮކޮއެންސް ޓީމު ގޮވައިގެން ބޮލީވިއާ މަގުން މެޑެޔިން އަށް ދަތުކުރި ޗާޓަރު ބޯޓް ވެއްޓުނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ސަރަހައްދަށް މިއަދު މޫސުމް ވެސް ވަރަށް ގޯހެވެ. މި ހާދިސާގައި ކްލަބުގެ ތިން ކުޅުންތެރިން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މިވަގުތަށް ހުއްޓާލައިފަ އެވެ.
އެތުލެޓިކޯގެ އެދުމާ އެއްގޮތަށް ކޮޕަ ސުޑަމެރިކާނާގެ ޗެމްޕިއަން ޓީމަކީ ޝަޕޮކޮއެންސް ކަމަށް ކޮންމެބޮލް އިން ނިންމައިފި ނަމަ މި މުބާރާތް ވެގެންދާނީ ޝަޕޮކޮއެންސްގެ 43 އަހަރުވީ ތާރީހުގައި ލިބޭ ފުރަތަމަ ބޮޑު ކާމިޔާބަށެވެ. އަދި އެ ކްލަބަށް ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ ލިބެޓެޑޯރެސް އިން ފުރުސަތު ލިބިގެންދާނެ އެވެ.
މުޅި ކުޅިވަރު ދުނިޔެ ޝަޕޮކޮއެންސްގެ ހިތާމައިގައި ބައިވެރިވެފައިވާއިރު އެ ކްލަބަށް އަގެއް ނެތި ކުޅުންތެރިން ލޯން އުސޫލުން ދޫކުރަން ބްރެޒިލްގެ ކްލަބްތަކުން ވަނީ ނިންމައިފަ އެވެ. އަދި އެ ކްލަބް ކުރިއަށް އޮތް ތިން ސީޒަނުގައި ރެލިގޭޓްނުވާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. މި ހާދިސާ ހިނގި އިރު ޝަޕޮކޮއެންސް އޮތީ ބްރެޒިލް ލީގުގެ ނުވަ ވަނައިގަ އެވެ.
އެތުލެޓިކޯ ނޭސިއަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުވަހަކު ވެސް އަޑުއަހަން ބޭނުންނުވާ މި ހިތާމަވެރި ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން ހުރިހާ ވިސްނުމަކާއި ހިޔާލެއް ހުރީ ޝަޕޮކޮއެންސްގެ ޓީމާ އެކު ކަމަށެވެ.
"ކުއްލިއަކަށް ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން ލިބިފައިވާ ވޭން ބޮޑު. މި ހިތާމަވެރި ހަނދާން ލެޓިން އެމެރިކާ އާއި ދުނިޔޭގެ ފުޓްބޯޅައިގައި އަބަދަށް ހަރުލާފައި ހުންނާނެ. މަރުވެގެން އެ ދިޔައީ ފުޓްބޯޅަ ކުޅުންތެރިންތަކެއް، ޓެކްނިކަލް ސްޓާފުންތަކެއް އަދި ކުޅިވަރު ނޫސްވެރިންތަކެއް. ގިނަ އުއްމީދުތަކެއް ކުރަމުން ދިޔަ ބަޔެއް އެ އެންމެންނަކީ ވެސް. އެއީ އަހަރެމެންނަށް މިވަރަށް މިރޮވޭ ސަބަބަކީ،" އެތުލެޓިކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކްލަބުން ބުނީ މިހާރު އިންތިޒާރުކުރަމުން އަންނަނީ ޝަޕޮކޮއެންސް އަކީ ކޮޕަ ސުޑަމެރިކާނާގެ ޗެމްޕިއަން ޓީމުކަން އަންނަނީ ކޮންމެބޮލް އިން ކަނޑައަޅާ ވަގުތަށް ކަމަށެވެ.
"އިންސާނީ ނަޒަރުކަން އަހަރެމެން ވަރަށް ބޮޑަށް ހިތާމަފާޅުކޮށްފިން. ވާދަވެރިކަމުގެ ނަޒަރުކަން ވިސްނާއިރު އަހަރެމެން ބޭނުންވަނީ އެ ކްލަބަށް ލިބުނު މި ފޫނުބެދޭ ދެރަ އާއި މަރުވި މީހުންގެ ހަނދާނުގައި، އެ ކްލަބަަށް ޗެމްޕިއަންކަން ދޭން. އަހަރެމެން އެގޮތަށް ނިންމައިފިން. ކޮޕަ ސުޑަމެރިކާނާގެ 2016 ވަނަ އަހަރުގެ ޗެމްޕިއަން ޓީމަކީ ޝަޕޮކޮއެންސް،" އެތުލެޓިކޯ އިން ބުނެފައިވެ އެވެެ.
އެތުލެޓިކޯ ނޭސިއަނަލް އަކީ ޝަޕޮކޮއެންސްއާ އަޅާބަލާއިރު ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަދި މުއްސަނދި ސަގާފަތެއް އޮތް ކްލަބެކެވެ. އެތުލެޓިކޯ ވަނީ ކޮލަމްބިއާ ލީގު ޗެމްޕިއަންކަން 15 ފަހަރު އަދި ކޮލަމްބިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަން 1989 އަދި މި އަހަރު ހޯދާފައިވާއިރު 1989 ވަނަ އަހަރުގެ އިންޓަކޮންޓިނެންޓަލް ކަޕުގައި ވާދަކުރި އެވެ. މަޝްހޫރު ގޯލްކީޕަރު ރެނޭ ހިގުއޭޓާއާ އެކު އެ ފަހަރު އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށް އިޓަލީގެ އޭސީ މިލާން އަތުން 1-0 އިން ބަލިވީ އެވެ. އެކަމަކު އެ ޓީމު ބެލެވިފައިވަނީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި އެއް ޓީމުގެ ގޮތުގަ އެވެ.