ފުލުހުންގެ ތަރައްގީ އަށް އެންމެ އިސްކަން ދިނީ މި ސަރުކާރުން: އިމްރާން
ފުލުހުންގެ ތަރައްގީ އަށް އެންމެ އިސްކަން ދިނީ މި ސަރުކާރުން: އިމްރާން

ވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ފުލުހުންގެ ތަރައްގީ އަށް ހާއްސަ އިސްކަމެއްދީ، އެންމެ ގިނަ މަސައްކަތްތައް ކޮށްފައި ވަނީ މި ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، ނ. މަނަދޫގައި ގާއިމްކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މި ސަރުކާރުން އަންނަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ހާއްސަކޮށް އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ވަރަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ދެމުން އަންނަ ހިދުމަތް، މަދަނީ ހިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރުން ވެސް މިއަދު އަންނަނީ ފާހަގަކުރަމުންނެވެ.

"ފުލުހުންގެ ހިދުމަތަށް މި ވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭ ފަދަ ބޮޑެތި މަސައްކަތްތަކެއް، މި ސަރުކާރުން ކުރަމުންގެންދާ ކަމީ ފެންނަން އޮތް ވަރަށް ސާފު ހަގީގަތެއް،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނާ އެކު، އެ މުއައްސަސާ އިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ގާނޫނުގެ ދަށުން ލާޒިމުކުރާ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ކޮމާންޑްތަކާ އެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފަސޭހަވެ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން މިހާރު ގާއިމްކޮށްފައިވާ ފުލުހުންގެ ޑިވިޝަންތަކުގެ ބަދަލުގައި ވަކި ސަރަހައްދުތަކެއް ކަނޑައަޅައި މި މަހު ހިދުމަތް ދޭން ފަށާނެ ކަމަށް އިމްރާން ވަނީ މީގެ ދެ ދުވަސްކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ކަނޑައެޅީ ކޮން ފަސް ސަރަހައްދެއް ކަމަށް ވިދާޅެއް ނުވެ އެވެ.