02 ސެޕްޓެމްބަރ 2021 - 11:04

ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުނަސް ސަރުކާރުގެ ކޯލިޝަނުން ވަކިވުމުގެ ވިސްނުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިއްޔެ ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު އުފައްދާފައިވާ ކޯލިޝަން ސަރުކާރުން ކަންތައް ކުރަނީ އެއްބަސްވެފައިވާ ގޮތަކަށް ނޫން ކަމަށެވެ.
އޭގެ ތެރޭގައި ޖޭޕީ އަށް ކަނޑައަޅާފައިވާ ވަރަށް ސިޔާސީ މަގާމުތައް ހަމަނުޖެއްސުން ހިމެނެ އެވެ.
އެއްބަސްވެފައިވާ ގޮތުން އިއްތިހާދު ސަރުކާރުގައި އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓު، އަދާލަތު ޕާޓީ އަށް 15 އަދި މައުމޫނަށް ލިބިވަޑައިގަންނަވާނީ 20 ޕަސެންޓެވެ. މިނިސްޓަރުކަމާއި ރައީސް އައްޔަން ކުރައްވާ މަގާމުތަކާއި ރުހުންދޭ މަގާމު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރަން ޖެހެނީ އެ އުސޫލުންނެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް ހެޕީއެއް ނޫން ކޯލިޝަން ދާ ގޮތެއް. އެހެން ނަމަވެސް ސަރުކާރު ތެރެއިން ނުކުތުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން ހެޕީއެއް ނޫން ކޯލިޝަނާ މެދު އަމަލުކުރާ ގޮތެއް. މި ދެންނެވީ އަޅުގަނޑުމެން މަގާމުތަކަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަކަށް ނޫން ކަންކަން ދަނީ،" ގެމަނަފުއްޓާއި ދަނގެތި ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިލްހާމް ވިދާޅުވި އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ހުރިހާ ވެރިކަމެއް ވެސް ކާމިޔާބު ވެފައި ވަނީ ޖުމްހޫރީ ޕާޓީ ބައިވެރިވެފައިވާ ކޯލިޝަނަކުންނެވެ. ނަމަވެސް މި ސަރުކާރުގައި ނޫނީ ޖޭޕީ އަށް ވެސް އަދި އެހެން ޕާޓީތަކަށް ވެސް މިހާ ގިނަ ދުވަސް ވަންދެން ކޯލިޝަނުން ވަކި ނުވެ ތިބި ފަހަރެއް ނާދެ އެވެ. އެހެން ކޮންމެ ފަހަރަކު ވެސް ދެ ފަރާތުގެ ކޯޅުމާ ހެދި ސަރުކާރުގެ ކޯލިޝަނުން ޕާޓީތައް ވަކިވެ އެވެ.
އިލްހާމް ވިދާޅުވިގޮތުގައި، ޖޭޕީ އޮތީ ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ތައްޔާރަށެވެ.
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ 2019 ގައި ބޭއްވި ކައުންސިލްގެ ބަައްދަލުވުމެއްގައި، ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެއީ ރައްޔިތުން ގަބޫލުކުރާ މިންގަނޑެއްގެ ތެރެއިން ކުރާނެ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްދޫ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު އަލީ ހަމީދު ވިދާޅުވީ އެ ޕާޓީ އަށް މެމްބަރުން އިތުރުކުރަން ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ކުރަން ރާވާފައިވާ ކަމަށެވެ. އޭގެ އިތުރުން 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.