ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!
ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!

ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ހެނދުނު މަތިންދާބޯޓަށް އެރީ ހަތަރު ވަނަ ޑިވިޝަނުން ފެށި ފުޓްބޯޅައިގެ ދަތުރުގައި މީގެ ކުރިން ދެވިފައި ނުވާ ހިސާބަކަށް ދިއުމަށެވެ. ދެކުނު އެމެރިކާ ބައްރުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކޮލަމްބިއާގެ ގަދަބާރު އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކޮށް ހުވަފެނީ ކާމިޔާބީ ހޯދުުމުގެ ފުރަތަމަ ފިޔަވަޅު އެޅުމަށް ފެށި ދަތުރަށް މި ވަނީ ހިތާމަވެރި ނިމުމެއް އައިސްފަ އެވެ. ކޮލަމްބިއާގެ މެޑެޔިން އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ބޯޓު ވެއްޓި އޭގެން ދަތުރުކުރި 81 މީހުންގެ ތެރެއިން 75 މީހަކު ވަނީ މަރުވެފަ އެވެ. ޝަޕޮކޮއެންސްގެ ތިން ކުޅުންތެރިން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ނޫސްވެރިން ވަނީ މަރުވެފަ އެވެ. މި ހާދިސާއާ އެކު ފުޓްބޯޅައިގެ ދުނިޔެ މިވަނީ ފުން ހިތާމައަކަށް ގެނބިފަ އެވެ.

ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!
ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!

"މިއަދަކީ ފުޓްބޯޅައަށް އާދަޔާހިލާފު ހިތާމަވެރި ދުވަހެއް،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!
ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!

ބްރެޒިލްގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ. މި ހިތާމައިގައި ދުނިޔޭގެ ގިނަ ކްލަބްތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ. ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވަނީ މިއަދު ޕްރެކްޓިސް ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ.

ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!
ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!

އެންމެ ބޮޑު ހިތާމައެއް ލިބިފައިވަނީ އެ ކްލަބުގެ ސަބަބުން މިހާތަނަށް ވެސް އުފާވެރިކަން ލިބެމުން އައި އެ ކްލަބް ނިސްބަތްވާ ސިޓީ ޝަޕެކޯ އަށެވެ. ދެލައްކައެއްހާ މީހުން ދިރިއުޅޭ މި ސިޓީގެ ރައްޔިތުން ފުން ހިތާމައެއްގައި ތިބިއިރު ސިޓީ އަށް ވަނީ ހަމަހިމޭންކަން ވެރިފަ އެވެ. ކްލަބުގެ ގިނަ ސަޕޯޓަރުން މުޅި ދުވަސް ހޭދަކުރީ ކްލަބުގެ ސްޓޭޑިއަމުގަ އެވެ.

"ސިޓީގެ ގިނަ ބަޔަކު ރޮނީ. މިއީ އަހަރެމެން ހިޔާލަށް ވެސް ގެނައި ކަމެއް ނޫން. މި ކްލަބަކީ މި ސިޓީ ހިތްހަމަޖެހުން،" ކްލަބުގެ ވައިސް ޗެއާމަން އިވާން ޓޮޒޯ ވިދާޅުވި އެވެ.

އަނިޔާގެ ސަބަބުންނާއި އެހެން ވެސް ސަބަބުތަކާ ހެދި ޓީމާ އެކު ނުދެވުނު ކުޅުންތެރިން ތިބީ ސްޓޭޑިއަމުގެ ޗޭންޖިން ރޫމުގައި ކުޅުންތެރިން ހަނދާނުގަ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުން މީގެ ތިން ދުވަސްކުރިން އުފާފާޅުކުރި ޗޭންޖިން ރޫމުން މިއަދު އިހުސާސްކުރެވުނީ މޮޅިވެރިކަމެވެ. ސަލާމަތްވި ކުޅުންތެރިންގެ ހުރިހާ ވެސް އެދުމަކީ ވަކިވެގެން ދިޔަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެޔޮދުއާކޮށްދިނުމެވެ.

މި ހާދިސާގައި ސަލާމަތްވި ތިން ކުޅުންތެރިންނަކީ ޑިފެންޑަރު އެލަން ރުޝެލްސް އާއި ހެލިއޯ ނެޓޯ އަދި ބަދަލު ގޯލްކީޕަރު ޖެކްސަން ފޮލްމަން އެވެ. ގޯލްކީޕަރު މާކޯސް ޕަޑިލްހާ ސަލާމަތްކުރެވުނު ނަމަވެސް ހޮސްޕިޓަލަށް ގެންދަނިކޮށް ވަނީ މަރުވެފަ އެވެ.

ބްރެޒިލްގެ ސައޮ ޕޯލޯ އިން ފުރައިގެން ބޮލީވިއާގައި ޓްރާންސިޓް ކުރުމަށް ފަހު ކޮލަމްބިއާ އަށް ދާން ފެށި ދަތުރަށް ފުރުމުގެ ކުރިން ޓީމުގެ މެނޭޖަރު ކަޑޫ ގައުޗޯ ބުނީ މި ދަތުރަކީ ކްލަބުގެ ތާރީހުގައި ވެސް ކުރާ އެންމެ މުހިއްމު ދަތުރުކަމަށެވެ.

ޝަޕޮކޮއެންސް އަކީ 1973 ވަނަ އަހަރު އުފެދުނު ކްލަބެވެ. އެކަމަކު 2009 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަކީ އެ ގައުމުގެ އާދައިގެ ޓީމެކެވެ. ފުރަތަމަ ޑިވިޝަނަށް 2014 ވަނަ އަހަރު ކޮލިފައިވެ އެ ޓީމު ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެ ބްރެޒިލްގެ ގަދަބާރަކަށްވެފަ އެވެ. ބްރެޒިލްގެ މަޝްހޫރު ޓީމުތައް ކަމަށްވާ ސައޮ ޕޯލޯ އާއި ފްލުމެނިނެސް އަދި ކްރުޒެއިރޯ ފަހަތަށް ޖައްސާލުމަށް ފަހު އެ ޓީމު އޮތީ ބްރެޒިލް ލީގުގެ ނުވަ ވަނައިގަ އެވެ.

އާޖެންޓީނާގެ ސެން ލޮރެންޒޯ ކަޓުވާލުމަށް ފަހު މި އަހަރުގެ ކޮޕަ ސުޑަމެރިކާނާގެ ފައިނަލަށް ދަތުރުކުރުމާ އެކު ޝަޕޮކޮއެންސް ވެފައިވަނީ މުބާރާތުގެ ފައިނަލަށް ތިން އަހަރުތެރޭ ދަތުރުކުރި ބްރެޒިލްގެ ފުރަތަމަ ޓީމަށެވެ. މުބާރާތުގައި އެ ޓީމު ދައްކަމުން އައި ކުޅުމާ އެކު އެ ކްލަބުން ޗެމްޕިއަންކަން ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. އެކަމަކު އެ އުއްމީދު ހާސިލްނުވަނީސް މިއަދު ވަނީ އެކަމަށް ހިތާމަވެރި ނިމުމެއް އައިސްފަ އެވެ. ފައިނަލުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ ލިބެޓަޑޯރެސް އިން ފުރުސަތު ލިބޭނެ އެވެ.

"ޝަޕޮކޮއެންސް އަކީ ހަމައެކަނި އެކުލަވާލާފައި އޮތް ޓީމެއް ނޫން މިއީ އާއިލާއެއް. އަހަރެމެން އުޅެމުން އައީ އުފަލާއި ހިތްހަމަޖެހުމާ އެކު. ދަތުރަށް ފުރުމުގެ ކުރިން ކުޅުންތެރިން ބުނި ހުވަފެން ހަގީގަތަކަށް ހަދާނެ ކަމަށް. އެކަމަކު އެ ހުވަފެން މިއަދު ހެނދުނު ނިމުމަކަށް އައިސްފި،" ކްލަބުގެ އެޑްވައިސަރީ ކޮމިޓީގެ ޗެއާމަން ޑޭވިޑް ނެސް ފިޅޯ ވިދާޅުވި އެވެ.

މި ހާދިސާގައި މަރުވި ކުޅުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ ކުރިން ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ސެލެބާ ސަންޓާނާ އެވެ. އޭނާއާ އެކު އެތުލެޓިކޯ އަށް ކުޅުނު ފަހު މިހާރު މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ބަހަލަހައްޓަމުން އަންނަ ޑޭވިޑް ޑެހެއާ ބުނީ މިއަދުގެ ހާދިސާއާ ގުޅިގެން ވަރަށް ފުން އަސަރެެއްކޮށްފައިވާ ކަމަށެވެ.

"އަހަންނަށް ކުރެވޭ އިހުސާސް ބަޔާންކުރަން ދަތި،" ޑެހެއާ ޓްވީޓްކޮށްފައިވެ އެވެ.

ޝަޕޮކޮއެންސް އަށް އެހީވުމަށް ގިނަ ކްލަބްތަކުން އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން އަގެއް ނުނަގައި އެ ކްލަބަށް ކުޅުންތެރިން ލޯން އުސޫލުން ދޫކުރުމަށް ބްރެޒިލްގެ ކްލަބްތަކުން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ކްލަބް ކުރިއަށް ތިން އަހަރު ވެސް ރެލިގޭޓްނުވާ ގޮތަށް ހެދުމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރެޝަނަށް ވަނީ ހުށަހަޅައިފަ އެވެ.