01 ސެޕްޓެމްބަރ 2021 - 12:27

ނެދަލެންޑުސްގެ ވެރިރަށް އެމްސްޓަޑެމްގެ ކޮސްމެޓިކްސް އާއި ލައިފްޓައިލް ބްރޭންޑް، "ރިޗުއަލްސް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއޭއައި) ގެ ޑިއުޓީ ފްރީ އާއި ދޮވެމި ޝޮޕުން މިއަދު ތައާރަފުކޮށްފި އެވެ.

ވީއައިއޭގެ ދޮވެމި ޝޮޕްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބްރޭންޑު ރާއްޖެއަށް ތައާރަފު ކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު، ހިޔުމަން ރިސޯސަސް އަހުމަދު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުން ބައިވެރިިވެވަޑައިގަތެވެ.

"ރިޗުއަލްސް" އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ސެންޓާއި ބޮޑީ ކްރީމާއި އިސްތަށިގަނޑަށް ބޭނުންވާ ޕްރޮޑަކްޓުތަކާއި ބޮޑީ ސްކްރަބާއި ސަން ޕްރޮޓެކްޝަން ކްރީމާއި މީރު ވަސް ދުވާ އުއްބައްތި ހިމެނެ އެވެ.
މި ބްރޭންޑުގެ އުފެއްދުންތައް ވީއައިއޭގެ ޑިއުޓީ ފްރީންނާއި ދޮވެމި އެރައިވަލް ޝޮޕުން ލިބޭނެ އެވެ. ދޮވެމި ޝޮޕުން އާންމު ކަސްޓަމަރުންނަށް ވެސް މި ތަކެތި ގަނެވޭނެ އެވެ.
ވީއައިއޭ އިން މި ބްރޭންޑުގެ ރާއްޖޭގެ އެމްބެސެޑަރަކަށް ނަގާފައިވަނީ ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ކަމަށްވާ އާމިނަތު ޖުމާނާ (@juma_hendrix8) އެވެ.
އެއާޕޯޓަށް ދާ މީހުންނަށް ހާއްސަ ކޮށްގެން ހުޅުވި ދޮވެމި ޝޮޕުން ރިޗުއަލްސްގެ އުފެއްދުންތަކުގެ އިތުރުން ތަފާތު ބޮޑެތި ބްރޭންޑުތަކުގެ ސެންޓާއި ގަޑިއާއި އަވި އައިނު އަދި "ޓްރެވަލް އެކްސަސަރީޒް" ލިބެން ހުންނާނެ އެވެ.