02 ސެޕްޓެމްބަރ 2021 - 06:49

މަގުބޫލުކަން ކުޑަވެގެން ލިންކްޑްއިންގެ "ސްޓޯރީޒް" ފީޗާ ހުއްޓާލަން ނިންމައިފި އެވެ.
ލިންކްޑްއިން ކޯޕަރޭޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލޯންޗްކުރި ފީޗާ ކުރިއަށް ނުގެންދަން ނިންމާފައި ވަނީ މި މަހުގެ ނިޔަލަށް ފަހުގައި ކަމަށެވެ. ކުންފުނީގެ ޕްރޮޑަކްޓްގެ ސީނިއާ ޑިރެކްޓަރު ލިޒް ލީ ވިދާޅުވި ގޮތުގައި މި ފީޗާ ހުއްޓާލަން ނިންމީ އާންމުންގެ ފަރާތުން އެ ފީޗާ އަށް މާ ބޮޑު ތަރުހީބެއް ނުލިބި، މިހާރު ބޭކާރުވެފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.
"އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރަކު މި ޕްލެޓްފޯމް ބޭނުންކުރާ މީހުން ބޭނުމެއް ނޫން ކޮންމެހެން އެ މީހުންގެ ޕްރޮފައިލްތަކުގައި ކުޑަ ވަގުތުކޮޅަކަށް އިންފޯމަލް ކުރު ވީޑިއޯތައް އެޓޭޗްކުރާކަށް. އޭގެ ބަދަލުގައި ގިނަ ބަޔަކު ޝައުގުވެރި ވަނީ ދިގު މުއްދަތަކަށް ދެމިހުންނަ ކަހަލަ ޕްރޮފެޝަނަލް ވީޑިއޯތަކަށް،" ލިޒް ވިދާޅުވި އެވެ. "އެއީ އެ މީހެއްގެ ޕާސަނަލިޓީ އާއި އެކްސްޕަޓީޒް ވެސް ހާމަކޮށްދެވޭ ގޮތެއް. އެހެންވެ އެފަދަ ފީޗާއަކާ ދިމާއަށް އަހަރެމެންގެ މިސްރާބު މިހާރު ހުރީ."
އަހަރެއްހާ ދުވަސް ފަހުން ލިންކްޑްއިން "ސްޓޯރީޒް" ފީޗާ ހުއްޓައިލަން ނިންމި އިރު، ޖުލައި މަހުގެ ތެރޭގައި ޓްވިޓާ އިން ވަނީ އެ ޕްލެޓްފޯމުން "ފްލީޓްސް" ގެ ނަމުގައި ތައާރަފުވި ސްޓޯރީ ފީޗާ ވެސް ހުއްޓާލައިފަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މުހިއްމު ބައެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ "ސްޓޯރީޒް" ފީޗާ ތައާރަކުރަން އުޅޭ މަޝްހޫރު އެޕްތަކުގެ ތެރޭގައި ޓިކްޓޮކް ހިމެނެ އެވެ. މި ފީޗާ ގެންގުޅޭ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމާއި ސްނެޕްޗެޓާއި ޕިންޓަރެސްޓާއި ނެޓްފްލިކްސް، ޔޫޓިއުބް އަދި އެކްސްބޮކްސް އެޕް ހިމެނެ އެވެ.
ލިންކްޑްއިން އަކީ 2003 ގައި ވުޖޫދަށް ގެނައި އެއްޗެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 740 މިލިއަނަކަށް ވުރެ ގިނަ އެވެ.